ކޮރަޕްޝަންގެ މައްސަލަތަކުގައި ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރެވޭނެ ގޮތަށް ކުންފުނިތަކުގެ ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ސަރުކާރަށް ލަފާދޭން ނިންމައިފި އެވެ.

އެފަދައިން ސަރުކާރަށް ލަފާ ދޭން މާލިއްޔަތު ކޮމިޓީން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ހުށަހެޅުއްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެއް ތަހުގީގު ކުރަން ކޮމިޝަނުން އެންގުމުން އެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މުވައްޒަފު ވަގުތުން ވަކިކުރެވޭ ގޮތަށް މުވައްޒަފުންގެ އޮނިގަނޑު ބަދަލު ކުރުމަށެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

ނާޒިމް ވިދާޅުވީ އޭސީސީގެ ތަހުގީގު ނިމެންދެން ވަޒީފާގައި ބެހެއްްޓުމުން ކޮރަޕްޝަންގެ އިތުރު އަމަލުތައް ހިންގަން އެފަދަ މުވައްޒަފުންނަށް ޖާގަ ލިބޭ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ނަމަވެސް އެފަދަ މައްސަލަތައް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅޭ މަންޒަރެއް ނުފެނެ އެވެ.