މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ހައްލުކުރުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނުން ފެށިގެން މާލެ އަށް ވެހެމުންދާ ބޯ ވާރޭގައި މަގުތަކުގައި ފެންބޮޑުވެ، އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިލާވަނީ ޖެހިފަ އެވެ. އަދި މާލޭގައި ގާތްގަނޑަކަށް ހުރިހާ މަގެއްގައި މިހާރު ވަނީ ފެންބޮޑުވެފަ އެވެ.

މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ގަދަ ވިއްސާރާގައި އާއްމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެ ކަމަށެވެ. އެގޮތުން، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ހައްލުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިގޮތުން، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ހައްލުކުރުން. އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެންބޮޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެންބޮޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް އެ ޙައްލު ލިބިގެންދާނެކަމަށެވެ.

މާލޭގައި ފެންބޮޑުވާ މައްސަލައާ ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު 'އެކްސް'ގައި ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިނދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮށް މަސައްކަތް ނުކުރުން ކަމަށެވެ.

ޗައިނާގެ އެހީގައި މާލޭގެ މަގުތައް ހަދަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކަށޭނަ ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ގާއިމް ކުރަން އިސްކަން ދެއްވާނެ ކަމަށެވެ.

ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން މާލެ އާއި އަތޮޅުތެރޭގައި ރައްޔިތުންނަށް އެހީތެރިވުމުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ފެން ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތާއި، ވެލި ބަސްތާ ޖެހުމުގައި ދަނީ ހަރަކާތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ އައިޖީއެމްއެޗް ސަރަހައްދާއި، ވެސްޓް ޕާކް، ޕިއްޒާބޯނާ، ބޮޑުވަޅު، ދިރާގު އަދި ދަރުބާރުގެ ސަރަހައްދުގައި ފެންހިންދުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.