މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބި މާލެ ސަރަހައްދުން އެހީތެރިކަން ބޭނުންވެގެން 252 މައްސަލަ ރިޕޯޓްކޮށްފައި ވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ވިއްސާރަވެ ގެއްލުންތައް ވަމުންދާތީ އެ އޮތޯރިޓީން ކުރިއަށްގެންދާ އެމެޖެންސީ އޮޕަރޭޝަނަށް މިރޭ 8:00 އާ ހަމައަށް މާލެ ސިޓީން 252 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ތިން އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެ އެވެ.

މާލެ އަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވުން -- ފޮޓޯ: އެންޑީއެމްއޭ

މާލެ ސިޓީގެ އިތުރުން ވިއްސާރައިގެ ސަބަބުން 20 ރަށަކަށް ގެއްލުންވެ ރިޕޯޓްކޮށްފައި ވާކަމަށްވެސް އެންޑީއެމްއޭއިން ބުނެ އެވެ. އެގޮތުން ހއ އަތޮޅުގެ 12 ރަށަކާއި، ހދ ނޮޅިވަރަންފަރު، ނޮޅިވަރަމް، ހަނިމާދޫ، ނެއްލައިދޫގެ އިތުރުން ކ ހުރާ، އައްޑޫ ސިޓީ ހިތަދޫ، މީދޫ އަދި ފޭދޫ ހިމެނެ އެވެ.

ހއ. ކެލާގައި ފެންބޮޑުވެ ފެންހިންދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެންޑީއެމްއޭ

މީގެ ތެރެއިން ހއ ބާރަށުން ދެ އާއިލާއެއް، ހޯރަފުށިން ހަ އާއިލާ، ކެލާ އިން ދެ އާއިލާ އަދި އިހަވަންދޫއިން ދެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށް އެންޑީއެމްއޭ އިން ހާމަކުރެ އެވެ.

ވިއްސާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅުއްވާފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެ އެވެ.