ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުން މިހާތަނަށް 182 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.

ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ ނުދައްކާ ލިސްޓެއް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިދިޔަ ޖުލައި މަހު 24 ގައި ނެރުނުއިރު އެ ލިސްޓްގައި 1026 ކުންފުންޏެއް ހިމެނެ އެވެ. މި ލިސްޓުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000 ރުފިޔާ އަށްވުރެ އިތުރެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރޭ ބުނީ އެ ލިސްޓު އާންމުކުރިތާ ތިން ހަފްތާތެރޭ 182،954،572 މިލިއަން ރުފިޔާ ރިކަވާ ކޮށްފައިވާ ކަމަށެވެ. އެކަމަކު އޭގެ އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ.

މި ލިސްޓްގައި މި ސަރުކާރުގެ އިސް ފަރާތްތަކުންގެ ހިއްސާ އޮންނަ ކުންފުނިތައް ވެސް ހިމެނޭކަން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާގެ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހް އަދި ވިޔަފާރި ވެރިޔާ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމްގެ ރެޑްވޭވް ފިހާރަތައް ހިންގާ ރެޑްވޭވް ކުންފުނި ވެސް ހިމެނެ އެވެ.

މީގެ އިތުރުން މަޝްހޫރު ބޮޑެތި ކުންފުނިތައް މި ލިސްޓްގައި ހިމެނޭއިރު، މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ވިޔަފާރި ވެރިޔާ އަހުމަދު ޝިޔާމް މުހައްމަދު (ސަންޓްރެވަލް ޝިޔާމް) ގެ އާއިލީ ކުންފުނި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ވެސް މި ލިސްޓްގައި ހިމެނެ އެވެ. ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީގެ ހިއްސާ އޮންނަ ސްވިފްޓް އިންޖިނިއަރިން އާއި އިތުރު ކުންފުންޏެއް ވެސް ލިސްޓްގައި ހިމެނެ އެވެ.

ފުވައްމުލަކު ދެކުނު ދާއިރާ މެންބަރު އިބްރާހިމް ހުސައިންގެ ކުންފުނި ޑްރީމްސް ހޯލްޑިން ވެސް މި ލިސްޓްގައި ހިމެނެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މި ސަރުކާރުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. މިހާތަނަށް ވަރަށް ގިނަ ރެއިޑް އޮޕަރޭޝަންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އިސްވެ ހިންގާފައިވާއިރު 200 އާ ގާތްކުރާ އަދަދަކަށް ބިދޭސީން ވަނީ އަތުލައިގަނެފަ އެވެ. އެ އެންމެން ވަނީ ޑީޕޯޓްކުރާ މީހުންގެ ލިސްޓުގައި ހިމަނައިފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ މިދިޔަ ނުވަ މަސް ތެރޭގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.