ރައީސް މުހައްމަދު މުއިއްޒުއާ ގާތް ވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވާރަންމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒުގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ނިންމައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރައީސަށް ސިހުރު ހެދިކަމަށް ބުނެ ހައްޔަރުކުރި ޝަމްނާޒުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމީ އެއްވެސް ވަރަކަށް ހެއްކި ފެނިފައިނުވާތީ ކަމަށެވެ.

ޝަމްނާޒުގެ އިތުރުން މި މައްސަލާގައި ދައުވާކޮށްފައި ވަނީ އޭނާގެ ކޮއްކޮ ހައްވާ ސާނާ އަދި އިތުރު މީހެގެ މައްޗަށެވެ. މި މައްސަލާގައި ސަމްނާޒު އާއި އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ ފަހުކޮޅެވެ.

ބަންދުކުރި އަމުރު ޝަމްނާޒްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނިކޮށް، މިދިޔަ މަހުގެ 13ގައި ފުލުހުން ވަނީ ބަންދު މުރާޖައާނުކޮށް، އެ ތިން މީހުން ވެސް ދޫކޮށްލާފަ އެވެ. އެ މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ތަހުގީގަށް ނުފެންނާތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ސަނާ މި މައްސަލައިގައި ހައްޔަރުކުރިއިރު ތިބީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގަ އެވެ. އެގޮތުން ޝަމްނާޒް އަކީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. އަދި އޭނާގެ ކޮއްކޮ އަކީ ހަމަ އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ. ނަމަވެސް މިހާރު އެ ދެ މީހުން ވެސް މަގާމުން ވަކިކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޝަމްނާޒް ކުރިން ކައިވެނިކޮށްގެން އުޅުނީ މިހާރު ސަސްޕެންޑް ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒާ އެވެ. ނަމަވެސް އެ ކައިވަނި ނިމުމަކަށް އައިސްފައިވާ ކަމަށް މި މައްސަލައިގެ ތެރެއިން ވަނީ ހާމަވެފަ އެވެ.