ހަކުރު ބަލީގެ ސަބަބުން ދިމާވާ އެއް މައްސަލައަކީ އަތްފަޔަށް ލޭ ހިނގުން ދަތިވެ އަތްފަޔަށް އެކި ކަހަލަ ބަލިތައް ޖެހުމެވެ. ހާއްސަކޮށް ފައިތިލަ ފާރުވުމަކީ ހަކުރު ބަލީގެ އެންމެ ބޮޑު އެއް އަލާމާތެވެ.
ހަކުރު ބަލީގެ ސަބަބުން ފައިތިލަ ފާރުވެ، ރަނގަޅު ނުކުރެވޭ ހިސާބަށް ގޮސްގެން ފައި ބުރިކޮށްލަން ޖެހިފައިވާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. އެހެން ކަމުން ހަކުރުބަލި ތަހައްމަލު ކުރާނަމަ ފައިތިލައިގެ ސިއްހަތަށް އިތުރަށް ސަމާލުވާން ޖެހޭނެ އެވެ.
އެންމެ ފުރަތަމަ ކަމަކަށް ވެސް ފައިތިލަ ސާފު ތާހިރުކަމާއެކު ގެންގުޅުމަކީ މުހިއްމު ކަމެކެކެވެ. ބޭރަށް ދިއުމަށްފަހު ގެއަށް އައިސް އަދި ނިދުމުގެ ކުރިން ދެ ފައިތިލަ ރަނގަޅަށް ދޮވެ ކިލައާއި ހަޑި ފިލުވަން ޖެހޭނެ އެވެ.
އެއާއެކު މޮއިސްޗަރައިޒާއެއް ބޭނުންކޮށްގެން ފައިތިލައިގެ ހަންގަނޑު ހިކުނަ ނުދިނުމަށް ސަމާލުވާން ޖެހޭނެ އެވެ. ހަންގަނޑު ހިކިއްޖެނަމަ ފާރުވުން އަވަސްވާނެ އެވެ.
ހަކުރު ބަލި ހުންނަ ނަމަ ހަށިގަނޑުގައި ހަލާކުވާ ތަންތަން ފަސޭހަވުމަށް ގިނަ ދުވަސްތަކެއް ނަގަ އެވެ. ވީއިރު ފައިތިލަ ހަލާކުވެ ނުވަތަ ކަނޑައިގެން ގޮސްފިނަމަ އެ ފާރުގަނޑަށް އަވަހަށް ބޭސްކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭނެ އެވެ.
މީގެ އިތުރުން ވެސް ގަވާއިދުން ނިޔަފަތި ކެނޑުމާއި ސާފުތާހިރުކޮށް ނިޔަފަތި ގެންގުޅުމަކީ ދިމާވެދާނެ ހިތާމަވެރި ހާލަތަކުން ދުރުކޮށްދޭނެ ކަމެކެވެ.
އެހެން ކަމުން ދިގު މުއްދަތުގައި ހަކުރު ބަލީގެ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ފައިތިލައިގެ ސިއްހަތަށް އިތުރު ސަމާލުކަމެއް ދިނުން ވަރަށް މުހިއްމެވެ.