ފަލަސްތީނުގެ ގުދުސްގައިވާ މާތްވެގެންވާ އަލް އަގްސާ މިސްކިތަށް އެތަކެއް ހާސް ޔަހޫދީންނާ އެކު އިޒްރޭލުގެ މިނިސްޓަރަކު ވަދެ، އަޅުކަން ކޮށް، މިސްކިތުގެ ހުރުމަތް ކެނޑި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އިޒްރޭލުގެ ނެޝަނަލް ސެކިޔުރިޓީ މިނިސްޓަރު އިތަމާރު ބެން-ގިވީރް ވަނީ، ދެހާހެއްހާ މީހުންނާއެކު އެ މިސްކިތަށް ވަދެ އަޅުކަންކޮށްފަ އެވެ. އޭގެތެރޭގައި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ.

އެ މިސްކިތުގެ ތެރޭގައި ތިބެ އެ މީހުން ވަނީ ހަމާސް ޖަމާއަތުގެ އެންމެން ބަލިކުރާނެ ކަމަށް ބުނެ ވީޑިއޯއެއް ވެސް ރެކޯޑްކޮށް އާންމުކޮށްފަ އެވެ.

އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަގްސާ މިސްކިތަށް ވަދެގަތުމަކީ މުސްލިމު އުއްމަތުގެ އެންމެ މަތިވެރި އެއްތަނުގެ ހުރުމަތް ކަނޑައިލުން ކަމަށެވެ.

"އިޒްރޭލުން ތަކުރާރުކޮށް އަލް އަގްސާ މިސްކިތަށް ވަދެގަނެ ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ސަރަހައްދަށް ސުލްހަ އާއި ހަމަޖެހުން ގެނައުމަށް އޮތް އުއްމީދަށް ހުރަސްއެޅޭތީ ރާއްޖޭން ވަރަށް ކަންބޮޑުވެއެވެ،" އެ ބަޔާނުގައި ވެ އެވެ.

ދިވެހި ރައްޔިތުންނާއި ސަރުކާރު އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖޭން ގޮވާލަމުންދާ ގޮވާލުން އެ ބަޔާނުގައި ތަކުރާރުކޮށްފައިވެ އެވެ.

އިސްރޭލުން ހިންގި އެ އަމަލު މުސްލިމު ގިނަ ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.