ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ނިންމާ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ރާއްޖެއިން ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުގެ މަސައްކަތް ނިންމާ އޭޖީ އޮފީހަށް ފޮނުވާފަ އެވެ.

"ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގެ މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުމާއި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން އަދި އެ ކުށުގެ އަދަބު ކަނޑައެޅުން ކަމުގައި އަލަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުގައިވެ އެވެ.

މީގެ އިތުރުން ގޭންގު ހަދައިގެން ކުށްކުރާ ގޭންގުތައް ދަނެގަނެ އެފަރާތްތައް ހިމެނޭ ލިސްޓެއް އެކުލަވާލުމާއި ގޭންގު ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަހްގީގު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއި އެފަދަ ތަހްގީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ފުލުހުންނަށް ހާއްސަ ބާރުތަކެއް ދިނުންވެސް މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

އަދި ބިލުގައި ވަނީ ގޭންގަކީ ކޮބައިކަން މާނަކުރާގޮތާއި، ގޭންގު މެންބަރަކީ ކޮބައިކަމާއި ގޭންގު ލީޑަރަކީ ކޮބައިކަން މާނަކުރާނެގޮތް ތަފްސީލްކޮށްފަ އެވެ. އެގޮތުން ވަކި ފަރާތަކުން ހިންގާ ނުވަތަ އެފަދަ ފަރާތެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ހިންގާ އަނިޔާވެރި ނުވަތަ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭފަދަ ޖިނާއީ ކުށުގެ އަމަލު ހިންގުމުގައި ނުވަތަ އެ އަމަލެއް ހިންގުމުގައި ބައިވެރިވާ ނުވަތަ އެހީތެރިވާ ނުވަތަ ރޭވުމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކަކީ ގޭންގެއް ކަމަށް ބެލޭނެކަމަށް ޑްރާފްޓް ބިލުގައިވެ އެވެ.

މީގެ އިތުރުން ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ބިލުގައި ބުނެފައި ވަނީ ވަކި ސިޓީއެއް، ރަށެއް، ގޯޅިއެއް އަދި ޕާކެއް ފަދަ ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރުމެވެ.

މިއި ކުށެއް ސާބިތުވެއްޖެނަމަ މި ގާނޫނުގެ ފަސް ލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެކަމަށްވެސް ބުނެފައިވެ އެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ، އެ ފަރާތެއްގެ ނަމުގައިވާ ހުރިހާ ބޭންކް އެކައުންޓްތައް 5 އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް މުއާމަލާތެއް ނުކުރެވޭގޮތަށް ހިފަހައްޓާނެ އެވެ. އަދި މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެ އެވެ.

ރާއްޖޭގައި ތަފާތުއެކި ބާވަތުގެ ކުށްތައް ކުރުން އިތުރުވެފައިވާ އިރު، އާންމުންގެ އެންމެ ބޮޑު ބިރަކީ ގޭންގްތަކުގެ ނުރައްކާ ބޮޑުވަމުން ދިއުމެވެ. ހާއްސަކޮށް އާބާދީ ބޮޑެތި ސަރަހައްދުތަކުގަ އެވެ.