ދަތުރު ކުރުމުގެ ހުއްދަ ނުލިބުމާއެކު، އިޓާލިއަން ސީރިއާގައި ރޭ ލާޒިއޯއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޓޮރީނޯއަށް ހާޒިރެއްނުވެވުނެވެ.

ޓޮރީނޯގެ 8 ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވުމާއެކު، ޓުރިންގެ ސިއްޙީ އިދާރާއިން ވަނީ އެ ޓީމަށް ދަތުރުކުރުން މަނާކޮށްފަ އެވެ. އެހެންކަމުން ރޯމްގައި ލާޒިއޯއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމަށް ދަތުރެއްނުކުރެވުނެވެ.

މީގެ ފަސް ދުވަސް ކުރިން ސަސޫލޯއާ ދެކޮޅަށް ޓޮރީނޯ ކުޅެން އޮތް މެޗު ފަސްކުރި ނަމަވެސް، ލީގުން ބޭނުންވީ ލާޒިއޯ-ޓޮރީނޯ ބައްދަލުކުރި މެޗު ކުރިއަށް ގެންދިއުމަށެވެ.

އެހެންކަމުން، ލާޒިއޯ އިން މެޗަށް ހާޒިރުވެ، ޓީމު ލިސްޓު ވެސް ހުށަހެޅި އެވެ. އިޓާލިއަން ސީރިއާގެ ގަވައިދުވާ ގޮތުން، މި މެޗުން ލާޒިއޯ 3-0 އިން މޮޅުވި ކަމަށް ކަނޑަައަޅައި، ޓޮރީނޯގެ އެއް ޕޮއިންޓް އުނިކުރެވޭނެ އެވެ.

އިޓާލިއަން ލީގުގައި ޔުވެންޓަަސް އާއި ނަޕޯލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުޅެން އޮތް މެޗަށް ނަޕޯލީ އަށް ވެސް ހާޒިރުނުވެވުނީ ދަތުރުކުރުމުގެ ހުއްދަ ނުލިބުމުންނެވެ. އެ މެޗަށް ހާޒިރުނުވުމުން ނަޕޯލީގެ ޕޮއިންޓެއް އުނިކުރި މައްސަލަ އެ ކްލަބުން އިޓާލިއަން އޮލިމްޕޮކް ކޮމެޓީ އަށް ހުށަހެޅުމުން، އެ ކޮމެޓީން ވަނީ މެޗު އަލުން ކުޅެންޖެހޭނެ ކަމަށް ކަނޑައަޅައިފަ އެވެ. – ބީބީސީ