އުމުރުން 45 އަހަރުން ދަށުގެ ޒުވާނުންގެ މެދުގައި ކެންސަރު ބަލި އިތުރުވަމުން އަންނަ ކަމުގެ ނުރައްކާތެރި އިންޒާރު މާހިރުން ދީފި އެވެ.

ނޯތު ކެރޮލީނާގައި މަސައްކަތް ކުރައްވާ އޮންކޮލޮޖިސްޓެއް ކަމަށްވާ ޑރ. ނިކޮލަސް ޑިވިޓޯ ވިދާޅުވީ ކެންސަރު ޖެހިގެން އޭނާއަށް ދައްކާ އާ ބަލިމީހުންނަކީ 45 އަހަރުން ދަށުގެ މީހުން ކަމަށެވެ.

ކެންސަރު ބަލީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މީގެ 10 ވަރަކަށް އަހަރު ކުރިން އެ ބައްޔަކީ އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ގިނައިން ފެންނަ ބައްޔެއް ނަމަވެސް މިއަދު ހާލަތު ބަދަލުވެފައިވާ ކަމަށް ޑރ. ނިކޮލަސް ވިދާޅުވި އެވެ.

"ކެންސަރު ބަލީގައި މަރުވާ މީހުންގެ އަދަދު މަދުވަމުން އަންނަ ނަމަވެސް އަލަށް އެ ބަލި ޖެހޭ ޒުވާނުންގެ އަދަދު އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މި ބަދަލުގެ މައިގަނޑު ސަބަބަކީ ދިރިއުޅުމަށް މިހާރު އައިސްފައިވާ ނޭދެވޭ ބަދަލުތައްކަން ޑރ ފާހަގަ ކުރެއްވި އެވެ. އެގޮތުން އޭނާ ވަނީ ސިއްހަތަށް ގެއްލުންހުރި "ޖަންކް ފުޑް" ކެއުމާއި ހަރަކާތްތެރިވެ އުޅުން މަދުވުމަކީ ކެންސަރަށް މަގުފަހިވާ ކަންކަން ކަމުގައި ވިދާޅުވެފަ އެވެ.

"ދުންފަތާއި ހައި ޕްރޮސެސްޑް ކެއުންތަކަކީ އަހަރުމެންގެ ދިރިއުޅުމުގެ ބޮޑު ހިއްސާއަކަށް މިހާރު ވަނީ ވެފައި. ކެންސަރަށް ހުށައެޅޭ މީހުން ގިނަވުމުގެ ފަހަތުގައި ވަނީ މިކަންކަން،" ޑރ. ނިކޮލަސް ވިދާޅުވި އެވެ.

ޒުވާން އާބާދީ ކެންސަރު ފަދަ ނުރައްކާތެރި ބައްޔަކަށް ހުށައެޅޭ މިންވަރު އިތުރު ވުމަކީ ނުރައްކަލުގެ ރަނގަބީލަކަށް ވާއިރު އެކަން ރަނގަޅު ކުރަން ފިޔަވަޅުތަކެއް އަޅަން ޑރ. ނިކޮލަސް ވަނީ ސަރުކާރުތަކަށް ގޮވާލާފަ އެވެ.