އިންޑިއާ ފަތުރުވެރިންގެ މާކެޓް ހަލާކުކޮށްލި ޑެޕިއުޓީ މިނިސްޓަރުން ތިބީ ބޮޑު މުސާރަ ދީފައިކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
އަމީން ފައިސަލް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅި ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިމުގެ މުއްދަތު 50 އަހަރަށްވުރެ އިތުރުނުވާނެ ގޮތަށް އިތުރުކުރަން ފައިސާ ދައްކަންޖެހޭ މުއްދަތު ކުރުކުރަން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން، ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެންބަރުން އެމްޑީޕީން ކުރިން ޓޫރިޒަމް ބޮއިކޮޓްކުރިކަމަށް ބުނެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ފައިސަލް ވިދާޅުވީ ޓޫރިޒަމް ފުރަތަމަ ބޮއިކޮޓް ކުރީ އެމްޑީޕީންނަމަވެސް މިހާރު ބޮއިކޮޓް ކުރަނީ އެހެން ބަޔަކު ބޮއިކޮޓްގެ ނަން ބޭނުން ނުކޮށްކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއްގެ އަމަލުތަކުގެ ސަބަބުން އިންޑިއާ ފަތުރުވެރިންގެ މާކެޓް "ފުނޑާލި" ކަމަށެވެ. އޭގެ ބަދަލުގައި އެ ޑެޕިއުޓީ މިނިސްޓަރުންނަށް ރިސޯޓް އޯނަރުން ދައްކާ ޓެކްސް ފައިސާއިން މުސާރަ ދެމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.
"މީވެސް ހިނގާކަންކަން، އަދިވެސް މިއަދާ ހަމައަށްވެސް ތިބީ ވަޒީފާގަ. އެބުނާ ތިން ސްޓާފެއް ސަސްޕެންޑްކޮށްފަ، ވަޒީފާގަތިބީ މުސާރަދޭ. 8 ލައްކައަށް ވުރެން ގިނަ ރުފިޔާ އެބައޮތް ޓެކްސް ފައިސާއިން މުސާރަ ދީފަ މިހާތަނަށް ދީފި" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އެއްކޮޅުން ޑިސްކައުންޓެއް ދީފައި އަނެއްކޮޅުން މިއަމަލު ހިންގި ފަރާތްތަކަށް މުސާރަ ދިނުމަކީ ދިވެހި ދައުލަތުން ޓެކްސް ދައްކާ ފަރާތްކަށް ކުރާ ފުރައްސާރައެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
މިއަދު ހުށަހަޅާފައިވާ އިސްލާހަކީ ރިޒޯޓް ހިންގާ ފަރާތްތަކަށް ދޭ ޑިސްކައުންޓެއްކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ރިޒޯޓްތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އޮތީ ކޮންއެއްޗެއްތޯ އޭނާ ސުވާލު ކުރެއްވި އެވެ.
މި މާއްދާއަށް މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްވެ، ތަސްދީގުކޮށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދައްކަން ބިލްގައި ހިމަނާފައިވެ އެވެ. ކުރިން ފައިސާ ދައްކަން ދޭ މުއްދަތަކީ ދެ އަހަރު ދުވަހެވެ.
ރާއްޖޭގެ ތިން ޑެޕިއުޓީ މިިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސް ވާގޮތަށް މީސްމީޑިއާގައި ފުރައްސާރަކުރުމާއި ގުޅިގެން އިންޑިއާގެ މަޝްހޫރު ތަރިން ހިމެނޭހެން ރާއްޖެ ބޮއިކޮޓް ކުރުމަށް ހިންގި ކެމްޕޭނާއެކު އިންޑިއާގެ ފަތުރުވެރިން ރާއްޖެއައުން ވަރަށް ބޮޑަށް މަދުވި އެވެ. ނަމަވެސް މިހާރު ރާއްޖެއިން ދަނީ އިންޑިއާ މާކެޓް ރަނގަޅުކުުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.