ބ. ކަމަދޫ ރައްޔިތުންނަށް ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ފަރާތުން ހިލޭ ބޭސްފަރުވާ ހަމަޖައްސައިދީފި އެވެ.

ކަމަދޫ ކައުންސިލުން 15 އޮގަސްޓްގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ "ސަންސިޔާމް ކެއާ"ގެ ފަރާތުން ރާއްޖެ އިން އާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން އެ އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު "ހުރިހާ" އަށް ވިދާޅުވީ ބޭސްފަރުވާގެ އެހީ ދިނުމަށް ނިންމެވީ ކަމަދޫ ކައުންސިލާ "ސަން ސިޔާމް ކެއާ" އާއެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ.

ބޭސްފަރުވާގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލުން އެކަމަށް ހާއްސަކޮށްފައިވާ ފޯމް ފުރުމުން، އެހީ ހޯދުމަށް ކައުންސިލުން އެހީތެރިވެދޭނެކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ކަމަދޫ ރައްޔިތުންނަށް ސިޔާމްގެ ފަރާތުން ހިލޭ ބޭސްފަރުވާ ހަމަޖައްސާފައި މިވަނީ، ނިމިދިޔަ ބޮޑު އީދުގައި ކަމަދޫގައި ބޭއްވި ކުޅިވަރުތަކުގައި ފަރި ނެށުމުގެ ހަރަކާތްތަކުން މަގުބޫލުކަން ލިބުނު ކަމަދޫއަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ ޒާރާ އާ ސިޔާމް ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާކަމުގެ އަޑުތައް ފެތުރިފައިވާ ވަގުތެއްގަ އެވެ.