އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި މެންޗެސްޓާ ޔުނައިޓަޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ކްރިސްޓަލް ޕެލެސްގެ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓަޑުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، އެ ޓީމަށް އުފެއްދުނީ މަދު ހަމަލާތަކެކެވެ.

މި ނަތީޖާއާއެކު، ތާވަލްގެ ދެވަނައިގައި އޮތް ޔުނައިޓަޑާއި ތާވަލްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު 14 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ލީގުގައި އާދިއްތަ ދުވަހު ސިޓީ އާއި ޔުނައިޓަޑް ކުރިމަތިލާނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ޔުނައިޓަޑް ލީގުގައި އެންމެ މެޗަކުން ބަލިވިޔަސް، މި ފަހަކަށް އައިސް އެ ޓީމު ކުޅުނު ގިނަ މެޗުތައް ވަނީ އެއްވަރުވެފަ އެވެ.

ރޭގެ މެޗަކީ ޔުނައިޓަޑަށް މުހިންމު މެޗެކެވެ. އެހެން ނަމަވެސް، ޔުނައިޓަޑްގެ އެޓޭކިން ފެނުނީ ވަރަށް ދަށްކޮށެވެ.

"އަހަރަމެން އެބަޖެހޭ ތަފާތެއް ދައްކަން،" މެޗަށް ފަހު ޔުނައިޓަޑް ކޯޗު ސޮލްސަޔާ ބުންޏެވެ. "އަހަރެމެން ޖެހިޖެހިގެން 3 މެޗު މި ނިންމާލީ ކޮޅަށް ލަނޑެއް ނުވަދެ. މިއީ މުހިންމު ކަމެއް. އެކަމަކު އަހަރެމެންނަށް މެޗުތަކުން މޮޅުވެވޭނީ އެޓޭކިންގައި ވެސް ތަފާތު ދައްކައިގެން، " ސޮލްސަޔާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އާއި ބާންލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އެސްޓަން ވިލާ އަތުން ޝެފީލްޑް ޔުނައިޓަޑް މޮޅުވީ 1-0 އިންނެވެ. – ބީބީސީ