އަންނަ މަހުގެ ދިހައެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ބޭނުންވި، 42 މިލިޔަން ރުފިޔާއިން 29 މިލިޔަން ރުފިޔާއަށް ބަޖެޓް ކުޑަކޮށްފި އެވެ.

އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކައުންސިލް އިންތިޚާބު ބޭއްވުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން 42 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަޙެޅި އެވެ. ނަމަވެސް ކޮމިޓީން އިލެކްޝަންސްއާއެކު ބޭއްވި ބައްދަލުވުމަށްފަހު ބައެއް ކަންކަން އުނިކޮށް، ބަޖެޓް ކުޑަކޮށް ދިނުމަށް އެދުމުން މިހާރު ވަނީ ބަޖެޓަށް ބަދަލު ގެނެސްފަ އެވެ.

އެ ބަދަލާ ބެހޭ ގޮތުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކޮމިޓީން އެދުނު ކަންތައްތަކުގެ ތެރެއިން އޮފިޝަލުން ނެގުމަށް ހިނގާ ޚަރަދުތަކުގެ ތެރެއިން 13 މިލިޔަން ރުފިޔާ އުނިކޮށް 29 މިލިޔަން ރުފިޔާގެ ބަޖެޓެއް އިއްޔެ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ބަދަލު ގެނައީ އިންތިޚާބު ބޭއްވުމަށް އިތުރު ލުއިތަކެއް ލިބޭނެ ކަމުގެ އުންމީދު އެޗްޕީއޭއާއެކު ކުރި އިތުރު މަޝްވަރާތަކުން ވެސް ލިބުމުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މިއަހަރުގެ ބަޖެޓުގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ 51 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ ބަޖެޓުން ކޮވިޑް-19އިގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިތުރަށް 42 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް އިން އެހެން ބުނި ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުންނާއި ހުށަހަޅާފައިވާ ބަޖެޓުގައި ހުރި ކަންކަމަށް ބަލައި ބަޖެޓް ކުޑަކުރަން އެދުމުން އެ ކޮމިޝަނުން ވަނީ އެ ބަޖެޓަށް ބަދަލުތަކެއް ގެނެސްފަ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 3،934 ކެނޑިޑޭޓުން ވާދަކުރެ އެވެ.