މި ދަތުރުފުޅުގައި ހާސިލްވި އެއްވެސް ކަމެއް އަދި ކުރެއްވި މަޝްވަރާއެއް ވެސް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރޭ. ގައުމުގެ މާލީ ހާލަތު އިންތިހާއަށް ދަށްވުމުން އަރަބި ގައުމުތަކުގެ އެހީތެރިކަމެއް ލިބޭތޯ މެދުއިރުމަތީގެ ވަރަށް ގިނަ ގައުމުތަކަށް ޒަމީރު ދާދިފަހުން ދަތުރުތަކެއް ކުރެއްވި. ނަމަވެސް އެއިން އެއްވެސް ދަތުރަކުން އެހީތެރިކަމެއް މިހާތަނަށް ލިބިފައެއް ނުވޭ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ކިޔައިދޭން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ބޮޑު ވަފުދަކާއެކު މިނިސްޓަރު ޒަމީރު ކުރެއްވި ހަތަރު ދުވަހުގެ މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް- ސައުދުގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި މަތީ ފެންވަރުގެ މުހިންމު މަޝްވަރާތަކެއް ވެސް ބާއްވާފައިވާ ކަމަށެވެ. އެގޮތުން ސައުދީ ސަރުކާރުގެ އިސް ފަރާތްތަކާ ސައުދީ ފަންޑުގެ އިސް ބޭފުޅުންނާ ވެސް ޒަމީރު ބައްދަލުކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ސައުދީގެ މިނިސްޓަ އޮފް ފޮރިން އެފެއާޒް، ފައިސަލް ބިން ފަރްހާން އަލް-ސަޢުދާ އެކު ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޒަމީރު ވަނީ ރައީސް މުހައްމަދު މުއިއްޒު، ސަޢުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑު ވަޒީރު، މުހައްމަދު ބިން ސަލްމާން އަށް ފޮނުއްވި ސިޓީފުޅެއް ސައުދީ ފޮރިން މިނިސްޓަރާ ހަވާލުކޮށްފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިގްތިސާދީ ރޮނގުންނާއި، ބައިނަލްއަގުވާމީ މަސްރަހުގައި އެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ޒަމީރު ވަނީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ބައްދަލުކުރެއްވުމުގައި ވިދާޅުވެފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު އޮންނަ އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންވެސް މުހިއްމު މަޝްވަރާތަކެއް މި ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެއިން ކަމެއްގެ ތަފުސީލެއް ނުދެ އެވެ.

މިދަތުރުފުޅުގައި ޒަމީރު ވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާކުރައްވާފައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިހުރި މަޝްރޫއުތަކުގެ މައުލޫމާތު ވެސް ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ޒަމީރުގެ އިތުރުން މި ދަތުރުފުޅުގައި އެމްބެސެޑަ އެޓް ލާޖް އަހުމަދު ނަސީރު އާއި އެމްއޭސިއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ޝަރީފް މުހައްމަދު އާއި ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދު އަދި ޑިރެކްޓަރު ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގެންނެވި އެވެ.

މި ދަތުރުފުޅުގައި ހާސިލްވި އެއްވެސް ކަމެއް އަދި ކުރެއްވި މަޝްވަރާއެއް ވެސް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. ގައުމުގެ މާލީ ހާލަތު އިންތިހާއަށް ދަށްވުމުން އަރަބި ގައުމުތަކުގެ އެހީތެރިކަމެއް ލިބޭތޯ މެދުއިރުމަތީގެ ވަރަށް ގިނަ ގައުމުތަކަށް ޒަމީރު ދާދިފަހުން ދަތުރުތަކެއް ކުރެއްވި އެވެ. ނަމަވެސް އެއިން އެއްވެސް ދަތުރަކުން އެހީތެރިކަމެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.