ކުއާލަ ލަމްޕޫރު (އޮގަސްޓް 24) - މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ މަގެއްގެ ޕޭމަންޓް މަތިން ހިނގާފައި ދިޔަ އިންޑިއާގެ 48 އަހަރުގެ އަންހެނަކު ކުއްލިއަކަށް ސިންކްހޯލަކަށް ވެެއްޓި ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މެލެޔަން މޭސަންގެ ކައިރީގައި ހުރި ޖަލަން މަސްޖިދު އިންޑިއާ ސަރަހައްދުގައި އެ މީހާ ހިނގާފައި ދަނިކޮށް ސިންކްހޯލަށް ވެއްޓުނީ އިއްޔެ ހެނދުނެވެ.

މަންޒަރު ދުއް މީހުން ޕޮލިހުންނަށް ބުނީ އެ އަންހެން މީހާ ގެއްލުނީ ހަމަ ކުއްލިއަކަށް ކަމަށެވެ.

ކުއާލަ ލަމްޕޫރު ފުލުހުންގެ ވެރިޔާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާރު ބެލެވޭ ގޮތުގައި އެ އަންހެން މީހާ ވަނީ ބިމު އަޑިން ދެމޭ ފެންގަނޑަކާ އެކު ދަމައިގެންފައި ކަމަށެވެ. އެ އަންހެން މީހާ ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންހެން މީހާ ސިންކްހޯލަށް ވެއްޓުނު އިރު އޭނާގެ ކައިރީގައި ފިރިމީހާ އާއި އިތުރު އަންހެނަކު ހުއްޓެވެ. އެ މީހުން މެލޭޝިއާގައި ތިބޭތާ ދެ މަސް ދުވަސް ވެއްޖެ އެވެ. އަދި އިންޑިއާ އަށް ފުރުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ.

ސީސީ ޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ސިންކްހޯލަށް ވެއްޓުނީ އެ އަންހެން މީހާ އެކަންޏެވެ.

ސިންކްހޯލް އާއްމު ގޮތެއްގައި އުފެދޭ ސަބަބެއް ކަމަށް ބެލެވެނީ އިމާރާތް ކުރުމާއި އެކި އެކި ސިނާއީ މަސައްކަތްތަކުގެ ތެރޭގައި ފަސްގަނޑު ދޫވުމުން، ބިމުއަޑީގައި ބޮޑު ވަޅުގަނޑެއް އުފެދިގެންނެވެ.