ރޭނގަޑު ނިދަން އޮށޯތުމާއެކު، ހިތް ނުތަނަވަސްވެ، އެކިއެކި ޚިޔާލުތަކާއި، ކަންބޮޑުވުންތަކުގެ ސަބަބުން މާޔޫސްކަން ގެނުވަ އެވެ. މަސައްކަތުގެ މައިދާނުން އެދެވޭ ނަތިޖާއެއް ނެރުމުގައި ފަރުވާކުޑަކުރެވި، މަސައްކަތުގެ ސުންގަޑިތަކަށް ދެވޭ އަހަންމިއްޔަތާއި، ދޭދޭ ގުޅުންތައް ހީނަރު ވެއްޖެ އެވެ. މީހާ ލޮޑުވެ، ވަރުބަލިކަން އިހްސާސް ކުރެވި، ދިރިއުޅުމުގެ ބަދަލުގައި ހަމައެކަނި ދިރިހުރި މީހެއްގެ އިހުސާސް ކުރޭވޭ ގޮތް ވެއްޖެ އެވެ. މިއީ، ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ކަބަލެއްގެ އިންސޮމްނިޔާ ތަޖްރިބާ އެވެ.
އިންސޮމްނިއާ ހުރިކަން ދެނެގަންނާނީ ކިހިނެއް؟
- ނިދަން އޮށޯތުމަށްފަހު ނިދަން އުދަނގޫވުން.
- ނިދަން އޮށޯތުމަށްފަހު ނިދުނުކަމުގައި ވީނަމަވެސް، ރޭގަނޑު ހޭލެވި އަލުން ނިދުމަށް އުދަނގޫވުން.
- ނިދުމަށްފަހު ފަތިހު ހޭލެވި އަލުން ނިދުމަށް އުދަނގޫވުން. ބައެއް ހާލަތްތަކުގައި ނިދިން ހޭލެވޭނީ ކޮންމެވެސް ނާއުއްމީދީ ވިސްނުމެއް ގަ އެވެ.
އިންސޮމްނިއާގެ ބާވަތްތައް:
- ޕްރައިމަރީ އިންސޮމްނިއާ: އޭގެ އަސްލަކީ ކޮބައިކަން ނޭގޭ އިންސޮމްނިއާ އެވެ.
- ސެކަންޑަރީ އިންސޮމްނިއާ: އެހެން ޑިސްއޯޑާ އަކާއި ގުޅިގެން އަންނަ އިންސޮމްނިއާ އެވެ. މިސާލަކަށް ޑިޕްރެޝަން، ޑްރަގް އެބިއުސް، އެންޒައިޓީ ޑިސްއޯޑާ އެވެ.
- ޓްރާންސިއެންޓް އިންސޮމްނިއާ: ކުޑަ ދުވަސް ކޮޅަކަށް ދިމާވާ އިންސޮމްނިއާ. މިސާލަކަށް، ސްޓްރެސްގެ ސަބަބުން، ގިނައިރު ފްލައިޓުގައި ދަތުރުކުރުމުގެ ސަބަބުން ނިންޖަށް ބުރޫ އެރުން ކަހަލަ ހާލަތްތައް ހިމެނެއެވެ.
ނިދުމުގެ އާދަކާދަ އާއި ދިރާސާ:
ދިރާސާކުރާ ފަރާތްތަކުން އިއްތިފާގުވާ ގޮތުގައި، އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތަ މީހުންގެ ޝަކުވާއަކަށް ވެފައިވަނީ އިންސޮމްނިއާ އެވެ. މީގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ދިގު މުއްދަތަކަށް އިންސޮމްނިއާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. ހަަމައެހެންމެ، އިންސާނާގެ އުމުރާއި، ޖިންސަކީ އެންމެ ސާފުކޮށް ދެނެގަނެވިފައިވާ ރިސްކް ފެކްޓާސްތަކެވެ.
ނިދި މަދުވުމަކީ ނަފްސާނީ ދުޅަހެޔޮކަމާއި، ހަނދާނާއި، މޫޑާއި، ދިރިއުޅުމަށް އަސަރުކުރާ ކަމެކެވެ. ހަމައެއާއެކު، ނިދި މަދުވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި، ހެދިބޮޑުވުމާއި ހަށިގަނޑުގެ އަސާސީ ބޭނުންތަކަށް ހަކަތަ ފޯރުކޮށްދިނުމަށް އަސަރުކުރެ އެވެ. އެކިއެކި ހޯދުންތަކުން ހާމަވާ ގޮތުގައި އެކި ޢުމުރު ފުރާގެ މީހުނަށް ނިދި ބޭނުންވަނީ އެކި މިންވަރަށެވެ. މިގޮތުން، ކުޑަކުދިންނަށް 12 ގަޑިއިރާއި 15 ގަޑިއިރާއި ދެމެދުގެ ނިދި ބޭނުންވާއިރު، އުމުރުން 15 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް 7 ގަޑިއިރާއި 8 ގަޑިއިރާ ދެމެދުގެ އަދަދަކަށް އަދި، ސާޅީސް އަހަރުން މަތީގެ މީހުންނަށް 6 ގަޑި އިރު ނިދި ބޭނުންވާ ކަމަށްވެ އެވެ.
ނިންޖަކީ الله ތަޢާލާގެ ޙަޟްރަތުން އަހަރެމެންނަށް ދެއްވާފައިވާ ވަރަށްބޮޑު ނިޢްމަތެކެވެ. އެހެނީ، އިންސާނާގެ ހަށިގަނޑަށް ނިދީގެ ސަބަބުން އަރާމާއި ހަމަޖެހުން ލިއްބައިދޭ ކަމަށްޓަކަ އެވެ. މިއިން ވެސް ދޭހަވަނީ، އިސްލާމްދީނުގައި ނިދުމަށް، ބާރުއަޅުއްވާފައިވާ މިންވަރެވެ. މިގޮތުން، ނިދުމުގެ ކުރިން ވުޟޫކުރުން، ނިދުމުގެ ކުރިން އެނދު ފޮޅާލުމާއި، ކަނާތް ފަރާތަށް އަރިއަށް އޮށޯވެ ނިދުމާއި އަވަހަށް ނިދުމާއި، އަވަހަށް ހޭލުމަކީ ނިދުމުގައި ގެންގުޅެންވާ ބައެއް އަޚްލާގުތަކެވެ. ނަމަވެސް، ހިތާމައަކީ ބައެއް ހާލަތްތަކުގައި އަހަރެމެންގެ ދިރިއުޅުމުގައި ކޮންމެހެން އަދާކުރަންޖެހޭ މައްސޫލިއްޔަތެއް ނެތް ޙާލަތްތަކުގައިވެސް، ރޭގަނޑު ހޭލައި ތިބުމާއި ދުވާލު ގަޑިީގައި ނިދުމުގެ އާދަ މި ކުޑަކުޑަ މުޖްތަމަޢުގައި ވެސް އަށަގެންފައިވުމެވެ. ނުނިދޭނަމަ، ނުވަތަ ނިންޖަށް ބުރޫއަރާކަން ފާހަގަ ކުރެވޭނަމަ އެކަން އެގޮތަށް މެދުވެރިވާ ސަބަބުތަކާ މެދު ވިސްނައި، އެކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން، ނިދުމަށް ބުރޫއަރާ ބައެއް ކަންތައްތަކުގެ ތެރޭގައި:
- ނިދުމުގެ ކުރިން ކަސްރަތު ކުރުން.
- ނިދުމުގެ ކުރިން ކޮމްޕިއުޓަރު ކުޅުން، އަދި ކުޅިވަރު ކުޅުމާއި، ޓީވީ ބެލުން.
- ހަވީރު ގަޑީގައި ކެފެއިން އެކުލެވޭ ބާވަތްތައް (ކޮފީ، ޓީ، ޗޮކްލެޓް ފަދަ ތަކެތި) ބޭނުންކުރުން.
- ނިދާ އެނދުގައި އޮވެ ޓީވީ ބެލުން ނުވަތަ ކިޔެވުން.
- ނިދުމުގެ ކުރިން، މާ ބޮޑަށް ބަނޑުހައިވެފައި ނުވަތަ މާ ބޮޑަށް ފުރިފައި ހުރުން.
- ނިދުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ކުރުން.
- އެހެން މީހެއްގެ ނިދާ ބޭސް ބޭނުންކުރުން ނުވަތަ ޑޮކްޓަރަށް ނުދައްކާ ނިދާ ބޭސް ގަނެގެން ބޭނުން ކުރުން.
ދިރިއުޅުމުގެ ވައްޓަފާޅިއާ އިންސޮމްނިއާ އާއި ހުރި ދެނެގަތުމަށްޓަކައި ނިއުޒީލެންޑްގައި ކުރެވުނު ދިރާސާއެއްގައި ކޮންމެ ތިން ބައިވެރިއަކުން އެކަކު ވަނީ ފަސް ރޭ ނުވަތަ އެއަށް ވުރެ ގިނަ ރޭތަކުގައި، ހަފުތާއަކު ހަތެއް ނުވަތަ އަށް ގަޑިއިރަށް ވުރެ މަދުން ނިދި ލިބޭ ކަމަށް ބުނެފަ އެވެ. އަދި 60 އިންސައްތަ ބައިވެރިން ވަނީ ނިދުމުގެ މައްސަލަތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ހަމައެއާއެކު، 45 އިންސައްތަ ބައިވެރިން ވަނީ ހަފުތާއަކު މަދުވެގެން އެއްފަހަރު އިންސޮމްނިއާގެ އަލާމާތްތައް ފެންނަކަމަށް ބުނެފަ އެވެ. އަދި، 20 އިންސައްތަ ބައިވެރިންނަކީ ޕްރައިމަރީ އިންސޮމްނިއާ ހުރި މީހުންނެވެ.
މި ދިރާސާގައި ހަމަވާގޮތުގައި ހަމަނިންޖެއް ނުލިބުމާއި، އަދި ދުވާލު ގިނައިން ނިދުމަކީ، ޒުވާން އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހުންނަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ. މިގޮތުން، ދުވާލު މާގިނައިން ނިދުމަކީ އިންސޮމްނިއާ، ޑިޕްރެޝަން އަދި ނިދުމުގެ ނުތަނަވަސްކަން ދިގުމުއްދަކަށް ދެމިގެން ދިއުމާއި ގުޅިފައިވާ ކަމެއްކަމެވެ.
އެހެންކަމުން، ނިންޖަށް ހެޔޮބަދަލުތަކެއް ގެނައުމަށްޓަކައި ނިދުމުގެ ރަނގަޅު އާދަތަކެއް ގެންގުޅުމަކީ މުހިންމުކަން ހާމަވެ އެވެ. މިގޮތުން ކުރެވިދާނެ ބައެއްކަންކަން މިލިޔުމުގައި ހިމަނާލާނަމެވެ. މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:
- އެއް ވަގުތެއްގައި ނިދުމާއި، އެއްްވަގުތެއްގައި ނިދިން ހޭލަން އާދަކުރުން.
- ކޮންމެ ދުވަހަކު ވެސް ޤަވައިދުން ކަސްރަތު ކުރުން - ހެނދުނުގެ ވަގުތުގައި ކަސްރަތު ކުރުމަކީ އެންމެ ފައިދާ ހުރި ގޮތެވެ. ދިރާސާ ތަކުން ދައްކާގޮތުގައި ޤަވައިދުން ކަސްރަތު ކުރުމުން އަރާމު ނިންޖެއް ލިބުމަށް މަގުފަހިވެއެވެ.
- ނިދާ ކޮޓަރީގެ ފިނިމިން (މާފިނިގަދަ ނުކޮށް) އެކަށީގެންވާ މިންވަރަކަށް ބެހެއްޓުން.
- ދުވާލުގެ ގަޑީގައި ނުވަތަ ހަވީރު ގަޑީގައި ނުނިދުން.
- ނިދި ނާންނަ ނަމަ ނިދުމަށް ބާރުނޭޅުން - މިކަމުގެ ސަބަބުން ތިމާގެ ސިކުނޑިއާއި ހަށިގަނޑަށް އެލާޓް އިތުރުވެގެންދެއެވެ.
ފަރުވާ: ނިދުމުގެ މައްސަލަތަކަށް ނިދުމުގެ ބޭސް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ. ނިދާ ބޭސް ބޭނުންކުރުމުގެ ސަބަބުން ނިދުމަށް މަގުފަހިވި ނަމަވެސް، ގުދުރަތީ ގޮތުން ނިދުމުގެ ފުރިހަމަ ފައިދާއިން ތިމާމީހާ މަޙްރޫމްވެ އެވެ. ހަމަ އެއާއެކު، ދާއިމަށް ބޭސް ބޭނުންކުރުމުގެ ސަބަބުން ބޭހަށް މާބޮޑަށް ހޭނި، ބޭހާ ނުލާ ނިދުމަކީ އުދަނގޫ ކަމަކަށް ވެދެ އެވެ.
ހިޕްނޮތެރަޕީ: އިންސޮމްނިއާ ފަދަ މައްސަލަތައް ކްލިނިކަލް ހިޕްނޮތެރަޕީއަކީ ވެސް ބޭނުންކުރެވޭ ފަރުވާއެކެވެ. ހިޕްނޮތެރަޕީ އިން އިންސޮމްނިއާ ފަރުވާއަށް ހަމަނިންޖެއް ލިބުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ދިރާސާތަކުން ހާމަވެ އެވެ. އިންސޮމްނިއާއަށް މަގުފަހިވާ ސަބަބުތަކުގެ ތެރެއިން ސްޓްރެސް މެނޭޖްކުރުމަށް އެހީތެރިވެދީ ނިދުމުގައި ދުޅަހެޔޮ ނިޒާމެއް އުފައްދައި، ނިދުމުގެ ވައްޓަފާޅިއަށް ހެޔޮބަދަލެއް ގެނުވައިދެ އެވެ.
މިލިޔުމުގައި ހިމަނާފައި ވަނީ ޢާންމު މައުލޫމާތެވެ. މިއީ ވަކި ފަރުދެއްގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތާ ގުޅިގެން ދޭ ލަފާއެއްގެ ގޮތުގައި ބަލައި އެކަމުގެ މައްޗަށް ބަރޯސާ ނުވާށެވެ. ސަޓިފައިޑް ކްލިނިކަލް ހިޕްނޮތެރަޕިސްޓެއްގެ އެހީތެރިކަން، ބޭނުންވާނަމަ، ކާމް ތެރަޕީއަކީ ހިޕްނޮތެރަޕީގެ ޚިދުމަތް އޮންލައިންކޮށް ފޯރުކޮށްދޭ ފަރާތެކެވެ.