ބެން އެފްލިކްއާއި ޖެނިފާ ލޮޕޭޒްގެ ދެމެދުގައި މައްސަލަޖެހި އެ މީހުންގެ ކައިވެނި ރޫޅެން އުޅޭކަމަށް އަޑު ފެތުރޭތާ މަސްތަކެއްވީ ފަހުން އެންމެ ފަހުން ޖެނިފާ މިވަނީ ރަސްމީކޮށް ވަރިއަށް އެދި ހުށައަޅާފަ އެވެ.

މި ހުށައެޅުން ކޯޓުން ބަލައިގަތުމާއެކު އެ ދެމީހުންގެ ލޯބީގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ޑޮކިއުމެންޓަރީ ފިލްމު "ދަ ގްރޭޓަސްޓް ލަވް ސްޓޯރީ ނެވާ ޓޯލްޑް"އަށް މިވަނީ ޑިމާންޑް ބޮޑުވެފަ އެވެ.

ބިލްބޯޑުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖެނިފާ ވަރިއަށް އެދި ހުށައެޅި ދުވަހު ޕްރައިމް ވީޑިއޯގައި އެ ޑޮކިއުމެންޓްރީގެ ވިއުއާޝިޕް އުޅުނީ 10.7 ހާސް މިނެޓުގަ އެވެ.

އެހެން ނަމަވެސް އޭގެ ޖެހިގެން އައި ދުވަހު އެ އަދަދު 354.1 ހާސް މިނެޓަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

"ދަ ގްރޭޓަސްޓް ލަވް ސްޓޯރީ ނެވާ ޓޯލްޑް"އަކީ 2000ގެ ކުރީކޮޅު ބެންއާއި ޖެނިފާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވަކިވެ އޭގެ 17 އަހަރު ފަހުން އަނެއްކާ ވެސް އެ ގުޅުން އަލުން ފެށި ގޮތް ދައްކުވައިދޭ ޑޮކިއުމެންޓްރީ އެކެވެ.

މިފަހަރު ބެންއާއި ޖެނިފާ ވަރިވާން އެދި ހުށައަޅާފައިވަނީ އެ ދެމީހުންގެ ކައިވެންޏަށް ދެ އަހަރު ފުރުނު ދުވަހު "ހައްލު ނުވާފަދަ މައްސަލަތެކެއް" އެ ދެމީހުންގެ މެދުގައ ހުރި ކަމަށް ބުނެފަ އެވެ.