އެނބުރި ދުނިޔެއަށް އާދެވޭނެ ގޮތެއް ނެތި ޖައްވުގައި ދުވަސްތައް ހޭދަކުރަމުން އަންނަ ނާސާގެ ދެ ސައިންސްވެރިން ކުރަމުން އަންނަ އިންތިޒާރު އިތުރަށް ދިގުލައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ސުނީތާ ވިލިއަމްސް އާއި ބަޗް ވިލްމޯ ދުނިޔެއަށް އަނބުރާ ގެންނަން ތައްޔާރުކުރާ އުޅަނދު ނިންމުމަށް މަދުވެގެން ފަސް މަސް ދުވަސް ބޭނުންވާނެ އެވެ.
މިހާރު ވެސް ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސް ސުނީތާ އާއި ބަޗް ޖައްވުގައި ހޭދަކޮށްފައިވާއިރު މި ފަސް މަސް ދުވަހާއެކު ޖުމްލަ އަށް މަސް ދުވަސް އެ ދެމީހުން ޖައްވުގައި ހޭދަކުރަން ޖެހޭނެ އެވެ.
މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހު ސުނީތާއާއި ބަޗް ޖައްވަށް ކުރި ދަތުރު ފެށީ އޭގެ އަށް ދުވަސް ފަހުން އެނބުރި ދުނިޔެއަށް އައުމަށެވެ.
އެހެން ނަމަވެސް އެމީހުން ދަތުރުކުރި އުޅަނދުގައި މައްސަލަޖެހި ކަނޑައެޅި ދުވަހަށް އަނބުރާ އާދެވޭ ގޮތް ނުވީ އެވެ. ނާސާއިން މިހާރު ނިންމާފައިވަނީ ކްރޫއަކާ ނުލާ އެ އުޅަނދު ދުނިޔެއަށް ގެނެސް ކަނޑު ފައްތާށެވެ.
ނާސާއިން ބުނެފައިވަނީ ސުނީތާއާއި ބަޗް ޖައްވުގައި ހޭދަ ކުރަމުން އަންނަ ދުވަސްތަކަށް ވާވަރަށް ކާބޯތަކެތި އެމީހުންގެ އަތުގައި ހުންނާނެ ކަމަށެވެ.