ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލު ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ދިވެހި ފުލުުހުންގެ ހިދުމަތުން ހާއްސަ ތަހުގީގެއް ފަށައިފި އެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރު ދީ ހަދާފައިވާ ކަމަށެވެ.

މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

ފުލުހުންގެ މި ބަޔާނަކީ ސިޔާސީ ކުލަ ޖެހިފައިވާ އެއްވެސް އަސާސެއް ނެތް ބަޔާނެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.