ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމު 22 އޮގަސްޓް ގައި ރައްޔިތުންގެ މަޖިލީހުން ވަކިކުރުމަށް ނިންމާފައިވަނިކޮށް އޭނާ އިސްތިއުފާ ދެއްވުމުންނެވެ.

ޝަމީމު އިސްތިއުފާ ދެއްވިނަމަވެސް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އޭނާ ވަކިކޮށްފަ އެވެ.

އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި މިއަދު ރައީސް އޮފީހުން ކުރި އިއުލާނެއްގައި، ބުނެފައިވަނީ އަންނަ މަހުގެ 11އާ ހަމައަށް އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވާކަމަށެވެ.

މަގާމުގެ ޝަރުތުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ވެފައިވާ ދިވެހި ރައްޔިތަކު ކަމުގައިވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން ހިމެނެ އެވެ.

މީގެ އިތުރުން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުމާއި ޝަރުއީ އަދި ގާނޫނީ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން ހަތަރެއް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުމާއި ގާނޫނީ ދާއިރާއާ ގުޅުން ހުރި ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ މި ނޫން ވެސް އެފަދަ ތަނެއްގެ ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކު ކަމުގައި ނުވުމާއި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރާނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސް މަޖިލީހަށް ނަން ފޮނުއްވުމުން، މަޖިލީހުން ފާސް ކުރާ ގޮތެއްގެ މަތިންނެވެ.

ކުރީގެ ޕީޖީ ޝަމީމު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ބޮޑެތި ތުހުމަތުތަކާއެކު އެވެ. އެގޮތުން 8 ކަމެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ސިޔާސީ ދައުވާތަކާއި ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްސަލަތައް ހިމެނެ އެވެ. ނަމަވެސް އެ ހުރިހާ ތުހުމަތުތަކަށް އޭނާ އިންކާރުކުރެއްވި އެވެ.