ކުއާލަ ލަމްޕޫރު (އޮގަސްޓް 28) - މިދިޔަ ހުކުރު ދުވަހު ސިންކްހޯލަކަށް މީހަކު ވެއްޓި ގެއްލުނު މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ ޖަލަން މަސްޖިދު އިންޑިއާ ސަރަހައްދުގައި ދެވަނަ ސިންކްހޯލެއް އުފެދިއްޖެ އެވެ.

ދެވަނަ ސިންކްހޯލް އުފެދިފައި ވަނީ ފުރަތަމަ ސިންކްހޯލް އުފެދުނު ސަރަހައްދާ 50 މީޓަރު ދުރުންނެވެ. ދެވަނަ ސިންކްހޯލް އުފެދުނީ ރޭ ދަންވަރު 2:30 ހާއިރު އެވެ. ބެލެވޭ ގޮތުގައި އެ ސިންކްހޯލް އުފެދުނީ ގަދައަށް ވިއްސާރަކުރުމުގެ ސަބަބުންނެވެ. ކުއާލަ ލަމްޕޫރަށް ރޭ ވަނީ ވަރަށް ގަދައަށް ވިއްސާރަ ކޮށްފަ އެވެ.

ދެވަނަ ސިންކްހޯލެއް އުފެދުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

https://www.youtube.com/watch?v=uGGPYwJra_0

މިދިޔަ ހުކުރު ދުވަހު އުފެދުނު ސިންކްހޯލަށް ވަނީ ހިނގާފައި ދިޔަ އިންޑިއާގެ 48 އަހަރުގެ އިންޑިއާ އަންހެނަކު ވެއްޓި ގެއްލިފަ އެވެ. ހާދިސާ ހިނގިތާ ފަސް ދުވަސްވީ އިރު ވެސް އަދިވެސް އެމީހާ ނުފެނެ އެވެ. އޭނާ ހިނގާފައި ދިޔައީ ފިރިމީހާއާ އެކު އެވެ. ނަމަވެސް ކުއްލިއަކަށް ވެލިގަނޑާ އެކު އަންހެން މީހާ ވެއްޓުނު ނަމަވެސް ފިރިމީހާ ވަނީ ސަލާމަތްވެފަ އެވެ. އެ ސަރަހައްދުގައި ބެންޗެއްގައި ތިބި ބަޔަކު ވެސް ވަނީ ވެއްޓެން ދަނިކޮށް ކޮންމެވެސް ގޮތަކުން އެ ހާދިސާއިން ސަލާމަތްވެފަ އެވެ.

މަސްޖިދު އިންޑިއާ ސަރަހައްދުގައި އުފެދުނު ދެވަނަ ސިންކްހޯލް.

ސިންކްހޯލް އާއްމު ގޮތެއްގައި އުފެދޭ ސަބަބެއް ކަމަށް ބެލެވެނީ އިމާރާތް ކުރުމާއި އެކި އެކި ސިނާއީ މަސައްކަތްތަކުގެ ތެރޭގައި ފަސްގަނޑު ދޫވުމުން، ބިމުއަޑީގައި ބޮޑު ވަޅުގަނޑެއް އުފެދިގެންނެވެ.

ކުއާލަލަންޕޫރުގައި ސިންކްހޯލް އުފެދުމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ ސިޓީގެ މޭޔަރު ވިދާޅުވީ ސިންކްހޯލަކަށް މީހަކު ވެއްޓި ގެއްލުނު ނަމަވެސް މެލޭޝިއާގެ ވެރިރަށަކީ ދިރިއުޅެން ވަރަށް ރައްކާތެރިތެނެއް ކަމަށެވެ. އަދި އެކަމާ އެއްވެސް ބަޔަކު ބިރު ނުގަތުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މަސްޖިދު އިންޑިއާ ސަރަހައްދަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިން ވެސް އާއްމުގޮތެއްގައި ވަރަށް ގިނައިން ގޮސް އުޅޭ ހިސާބެކެވެ.