މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ އެންމެ ބިޒީ އެއް ސަރަހައްދު، މަސްޖިދު އިންޑިއާ ސަރަހައްދުގެ މަގެއްގެ ޕޭވްމަންޓް މަތިން ހިނގާފައި ދަނިކޮށް ކުއްލިއަކަށް އުފެދުނު ފުންވަޅުގަނޑަކަށް ވެއްޓި އިންޑިއާގެ ވިޖަޔާލަކްސްމީ، 48، ގެއްލުމާއެކު ގިނަ ބަޔަކަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ.

އިންޑިއާގެ އަންދްރަޕްރަދޭޝްގެ ކުއްޕަމް އޭރިއާގައި ދިރިއުޅޭ ވިޖަޔާ ލަކްސްމީ މެލޭޝިއާ އަށް އައީ ޗުއްޓީ ދަތުރެއްގަ އެވެ. މި ހާދިސާ ހިނގީ އޭނާ އެނބުރި އިންޑިއާއަށް ފުރުމުގެ އެއް ދުވަސްކުރިން މިދިޔަ ހުކުރު ދުވަހު ހެނދުނު 8:00 ހާއިރު އެވެ. ގާތްގަނޑަކަށް 25 ފޫޓުގެ ސިންކް ހޯލަށް އެ މީހާ ވެއްޓުމާއެކު އޭނާ ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް މެލޭޝިއާގެ ސަލާމަތީ ހިދުމަތްތަކުން ފެށި އެވެ.

މި އޮޕަރޭޝަންގައި އޭނާ ހޯދުމަށް މެލޭޝިއާގެ ފަޔާ އެންޑް ރެސްކިއު އޮޕަރޭޝަންގެ ހާއްސަ ޓީމުތައް ވަނީ އެ ވަޅުގަނޑަށް ފައިބައި އޭނާ ފެނޭތޯ ބަލައިފަ އެވެ. ކުއްތާ އާއި ކްރޯލިން ކެމެރާ އަދި ގްރައުންޑް ޕެނެޓްރޭޝަން ރާޑަރު ވެސް ބޭނުންކޮށްގެން ކުރި މަސައްކަތުން ހަ ދުވަސްވީއިރު ވެސް، ވަޅުގަނޑަށް ވެއްޓުނު މީހާގެ ހިލަމެއް ނުވެ އެވެ.

މިދިޔަ ހުކުރު ދުވަހު މެލޭޝިއާގެ މަސްޖިދު އިންޑިއާ ސަރަހައްދުގައި ސިންކްހޯލެއްގެ ތެރެއަށް ވެއްޓި ގެއްލުނު އިންޑިއާ ޓޫރިސްޓަކު މީހާ ހޯދުމުގެ މަސައްކަތް ކުރަނީ. ހަ ދުވަސްވީއިރު ވެސް އެ ވަޅުގަނޑަށް ވެއްޓުނު މީހާ ނުފެނޭ. ފޮޓޯ: ސްޓާ ނިއުސް

އެ މީހާ ހޯދަން އެ ސަރަހައްދުގައި ހުރި ފެން ހިންދާ ޖަންކްޝަންތަކަށް ވެސް ސިވިލް ޑިފެންސް ފޯސްގެ ޑައިވަރުން ވަނީ ފައިބަގެން ހޯދައިފަ އެވެ. އޭގެ އިތުރުން ނަޖިސް ފެން ޖަމާވާ ބޮޑެތި ޓޭންކްތަކުގެ ތެރެއަށް ދާ ފައްތައިގެން ވެސް ބަލާފައިވެ އެވެ.

ކުއާލަ ލަމްޕޫރު ފަޔަ އެންޑް ރެސްކިއުގެ އޮފިޝަލަކާ ހަވާލާދީ ސްޓާ ނޫހުން ބުނި ގޮތުގައި އެންމެ ބޮޑަށް ސުވާލު އުފެދެނީ މީހާ ވެއްޓުނު ތަނުގެ ތެރޭގައި ފެންގަނޑު ވަރަށް ތިލަކޮށް އޮތް އިރު މީހާ އެގޮތަށް ގެއްލެން ދިމާވި ސަބަބާ މެދުގަ އެވެ. އޮފިޝަލުން ވިދާޅުވެފައި ވަނީ ފެންގަނޑު ވަރަށް ތިލަ ކަމަށާއި އެކަމަކު އެ ފެންގަނޑު ވަރަށް ބާރަށް ދައުރުވާ ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ކުރަން ފެށި ފަހުން ކުއަލަ ލަމްޕޫރަށް ވިއްސާރަ ބޯކޮށް ވާރޭ ވެހެމުން އަންނަތާ ވެސް ހައެއްކަ ދުވަސްވެއްޖެ އެވެ. މި ވިއްސާރާގައި އިއްޔެ ހަވީރު ބޯކޮށް ވާރޭ ވެހުނު ފަހުން އެ ސަރަހައްދުގައި ރޭ ދަންވަރު ވަނީ އިތުރު ސިންކްހޯލެއް އުފެދިފަ އެވެ.

މެލޭޝިއާގެ މަސްޖިދު އިންޑިއާ ސަރަހައްދުގައި ރޭ ދެވަނަ ސިންކްހޯލު ހެދުނު ސަރަހައްދު މިއަދު ބަންދުކޮށްފައި. މިދިޔަ ހުކުރު ދުވަހު ގެއްލުނު އިންޑިއާ މީހާ އަދިވެސް ނުފެނޭ. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

ދެވަނަ ސިންކްހޯލް އުފެދިފައި ވަނީ ފުރަތަމަ ސިންކްހޯލް އުފެދުނު ސަރަހައްދާ 50 މީޓަރު ދުރުންނެވެ. ދެވަނަ ސިންކްހޯލް އުފެދުނީ ރޭ ދަންވަރު 2:30 ހާއިރު އެވެ. ބެލެވޭ ގޮތުގައި އެ ސިންކްހޯލް އުފެދުނީ ގަދައަށް ވިއްސާރަކުރުމުގެ ސަބަބުންނެވެ. ކުއާލަ ލަމްޕޫރަށް ރޭ ވަނީ ވަރަށް ގަދައަށް ވިއްސާރަ ކޮށްފަ އެވެ. މި ސިންކް ހޯލް ހެދުނު ސަރަހައްދާ ގާތްގަނޑަކަށް ވިއްސަކަށް ފޫޓު ދުރުމިނުގައި އެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތައް ބަލަން މަޑުކޮށްގެން ރޭ އަޅުގަނޑު ވަރަށް ގިނައިރު ހުރީމެވެ. އެ ވަޅުގަނޑު ހެދުނީ އަޅުގަނޑު އެތަނުގައި ހުރެފައި ގެއަށް އައިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ.

ބިރުވެރި، އާދަޔާ ހިލާފު ކަމެއް

އެ ސަރަހައްދުގައި ހުރި ފުލުހުންގެ މީހަކު ރޭ ބުނީ މިއީ މެލޭޝިއާގައި ހިނގި ވަރަށް އާދަޔާހިލާފު ކަމެއް ކަމަށެވެ. އަދި އެކަމާ އެންމެން ވެސް ވަރަށް ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.

"މިއީ ވަރަށް އާދަޔާހިލާފު ކަމެއް ކުއްލިއަކަށް އުފެދުނު ސިންކްހޯލެއްގެ ތެރެއަށް މީހަކު ވެއްޓި ގެއްލުމަކީ. މީގެ ކުރިން ދުނިޔޭގައި ވެސް މިކަހަލަ ކަންކަން ހިނގަނީ ވަރަށް މަދުން،" ފުލުހުންގެ މީހާ ބުންޏެވެ.

މަސްޖިދު އިންޑިއާ ސަރަހައްދުގައި ހެދުނު ސިންކްހޯލަށް ވެއްޓުނު މީހާގެ ހަބަރެއް މިހާތަނަށް ނުވެ އެވެ. ހަމައެކަނި ހޯދުނީ އެމީހާ އަރައިގެން ހުރި ފައިވާނެވެ.

މެލޭޝިއާގެ މަސްޖިދު އިންޑިއާ ސަރަހައްދުގައި ރޭ ދެވަނަ ސިންކްހޯލު ހެދުނު ސަރަހައްދު މިއަދު ބަންދުކޮށްފައި. މިދިޔަ ހުކުރު ދުވަހު ގެއްލުނު އިންޑިއާ މީހާ އަދިވެސް ނުފެނޭ. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

ސޯޝަލް މީޑިއާގައި މެލޭޝިއާގެ އާއްމުން ބުނެފައި ވަނީ އެ ސަރަހައްދުގައި އެފަދަ ސިންކްހޯލްތައް އިތުރަށް އުފެދޭނެ ގޮތަށް ހުރިތޯ ބިންގަނޑު ޗެކްކުރަން ޖެހޭ ކަމަށެވެ. މީގެ ކުރިން ވެސް އެ ސަރަހައްދުގެ ބައެއް މަގުތައް ވަރަށް ބޮޑަށް އަޑިގުޑަންވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

"މިތަނަކީ މިހާރު ވަރަށް ބިރުވެރި ތަނަކަށް ވެއްޖެ. ކުއްލިއަކަށް ވަޅުގަނޑު ހެދުމަކީ މީގެ ކުރިން އަހަރެމެން އަޑު އަހާ ވާހަކައެއް ނޫން،" އެތަނުގައި ހުރި މެލޭޝިއާގެ ގައުމީ ނޫސް އެޖެންސީ ބާނަމާގެ ނޫސްވެރިއަކު ބުންޏެވެ.

ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް

މަސްޖިދު އިންޑިއާ ސަރަހައްދުގައި މި ހާދިސާ ހިނގުމާ ގުޅިގެން އެ ސަރަހައްދަށް އަންނަ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ކުރިން އެ ސަރަހައްދުގައި ދުވާލު ގަޑީގައި ގިނަ އަދަދެެއް ބަޔަކު ބާޒާރުކުރަން ޖަމާވެ އެވެ. އެ ސަރަހައްދުގައި ހިނގާލުމުން މިހާރު އެކަން ވަރަށް ބޮޑަށް ފާހަގަވެ އެވެ.

ފިހާރަތަކަށާއި ރެސްޓޯރަންޓްތަކަށް ވަންނާނެ މީހަކު ނެތުމުން ގިނަ ތަންތަން ހުރީ ހުހަށެވެ.

އެ ސަރަހައްދުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ފައިސާ މާރުކުރުމާއި ފޮއްޗާއި ބުރުގާ އާއި އެކި ބާވަތުގެ ގާމެންޓް އަދި ގަހަނާގެ ވިޔަފާރި އެވެ. މިއީ މެލޭޝިއާގައި ވެސް އޮންނަ މިފަދަ އެންމެ ބޮޑު ބާޒާރެވެ.

މެލޭޝިއާގެ މަސްޖިދު އިންޑިއާ ސަރަހައްދުގެ ބޮޑު ބައެއް ފުލުހުން ބަންދުކޮށްފައި. ސިންކްހޯލެއްގެ ތެރެއަށް ވެއްޓުނު މީހާ ހަ ދުވަސްވީއިރު ވެސް ނުފެނޭ. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

ދުވާލަކު އެތައް ހާސް ބަޔަކު ޖަމަވާ މަސްޖިދު އިންޑިއާ ސަރަހައްދަކީ ދިވެހިން ވެސް ގިނަ އަދަދަކަށް ބާޒާރު ކުރަން އަންނަ ވަރަށް މަޝްހޫރު ތަނެކެވެ. ބުރުގާ އާއި އާބަޔާ އަދި ހެދުން ފަހާ ފޮއްޗާއި އެނޫން ވެސް ބައެއް ތަކެތި ގަންނަން ވަރަށް ގިނަ ބަޔަކު ކޮންމެ ދުވަހަކު އެތަނަށް ދެ އެވެ. މި ހާދިސާއާ ގުޅިގެން އެތަނުގެ ވިޔަފާރިއަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ކަމަށް އެ ސަރަހައްދުގެ ވިޔަފާރިވެރިން ބުނެ އެވެ.

އިންޑިއާ ޓޫރިސްޓު ގެއްލުނު ހިސާބަކީ ގާތްގަނޑަކަށް މަސްޖިދު އިންޑިއާ މިސްކިތުގެ ކުރިމައްޗެވެ. އެ ސަރަހައްދުގައި މައިގަނޑު ގޮތެއްގައި ހުންނަނީ ރެސްޓޯރަންޓް، ކެފޭ އަދި ހެދުން ވިއްކާ ފިހާރަތަކެވެ. އެ ސަރަހައްދުގެ ބޮޑު ބައެއްގައި ފުލުހުން މިހާރު ސެކިއުރިޓީ ލައިން ދަމާފައި އޮތުމުން ފިހާރަތައް ވަނީ ބަންދުކޮށްފަ އެވެ.

މިދިޔަ ހުކުރު ދުވަހު މެލޭޝިއާގެ މަސްޖިދު އިންޑިއާ ސަރަހައްދުގައި ސިންކްހޯލެއްގެ ތެރެއަށް އިންޑިއާ ޓޫރިސްޓަކު ވެއްޓި ގެއްލުނު ސަރަހައްދު ބަންދުކޮށްފައި. ހަ ދުވަސްވީއިރު ވެސް އެ ވަޅުގަނޑަށް ވެއްޓުނު މީހާ ނުފެނޭ. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

އެތަނުގައި ހުރި ގަހަނާގެ ވިޔަފާރިކުރާ ފިހާރައެއް ކަމަށް އޮރިއެންޓް ގޯލްޑް ފިހާރައިގެ ކޭޝިއަރަކު ބުނީ އެ ހާދިސާ ހިންގުމާ ގުޅިގެން އެ ސަރަހައްދަށް އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެ، ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށެވެ.

"ކަސްޓަމަރުން އަންނަ އަދަދު ވަރަށް ބޮޑަށް މަދުވެއްްޖެ. މި ސަރަހައްދަށް ބަލައިލީމަ ވެސް އެނގޭނެ މީހުން އަންނަ އަދަދު މަދުވެއްޖެކަން، އެހެންވެ ވިޔަފާރި ވަރަށް ދަށް،" ކަސްޓަމަރެއްގެ އިންތިޒާރުގައި ފިހާރައިގެ ދޮރުމަތީގައި މަޑުކޮށްގެން ހުރި ކޭޝިއަރު ބުންޏެވެ.

މެލޭޝިއާގެ މަސްޖިދު އިންޑިއާ ސަރަހައްދުގައި މަގުމަތީގައި މީހަކު މޭވާ އާއި ޖޫސް ވިއްކަނީ. ސިންކްހޯލެއްގެ ތެރެއަށް ވެއްޓުނު މީހަކު ވެއްޓި ގެއްލުނު ފަހުން އެ ސަރަހައްދުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށްވެފައި. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

މިހާރު އެ ސަރަހައްދުގެ ވިޔަފާރިވެރިންގެ ހިތުގައި އުފެދޭ ސުވާލަކީ ކުރިން އުފެދުނު ވިޔަފާރީގެ ވައިބް އަލުން އަތުވެދާނެތޯ އެވެ.

"ހިއެއް ނުވޭ އެހާ އަވަހަށް މިތަން އަލުން އާއްމުންނަށް ހުޅުވާލެހެން. ދުވަސްކޮޅެއް ނަގާނެ އަލުން ވިޔަފާރިތައް ހަމަޔަކަށް އެޅެން،" އެ ސަރަހައްދުގައި މަގުމަތީގައި މޭވާ އާއި ޖޫސް ވިއްކަން ހުރި މީހަކު ބުންޏެވެ.