ސަރުކާރުގައި ތިއްބެވި އާއިލާ ބޭފުޅުންނަކީ ތައުލީމީ ގާބިލު ބޭފުޅުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރޭ ސަންގް ޓީވީން ގެނެސްދިން ހާއްސަ އިންޓަވިއުއެއްގައި ސަރުކާރުގައި އާއިލީ ގިނަ ބޭފުޅުން ތިއްބެވުމުން ފާޑުކިޔުތަކަށް ރައްދު ދެއްވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއީ އޭނާގެ މަސައްކަތުން ގެނައި ސަރުކާރެއް ކަމަށާއި އެހެންކަމުން އޭނާގެ އާއިލާ މީހުން ސަރުކާރުގެ މަގާމުތަކުގައި ވެސް ތިބޭނެ ކަމަށެވެ.

ސަރުކާރުގައި ދަރިންނާއި އެއްބަނޑުއެއްބަފާ ބޭފުޅުންނާއި އާއިލާ އެކި ބޭފުޅުން ތިއްބަވާނެ ކަމަށާއި އެއީ ފަހުރުވެރިވެ އުފާކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު މަގާމުތަކަށް އާއިލާ ބޭފުޅުން ގެންނަވަން ލަފާ ދެއްވިންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ދެއްވަން ފެނިވަޑައިގެންނެވި ލަފައެއް ދެއްވި ކަމަށާއި އެގޮތުން ޓޫރިޒަމް މިނިސްޓަރަކަށް ދަރިކަލުން އިބްރާހީމް ފައިސަލް ހަމަޖައްސަވަން ރައީސް މުއިއްޒަށް ދެންނެވި ކަމަށެވެ.

"މިކަމާ ކިތަންމެ ކަންބޮޑުވިޔަސް މިއަދު ޓޫރިޒަމް މިނިސްޓަރަކީ ފައިސަލް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަބްދުއްރަހީމްގެ އާއިލީ އަދި ގާތް ވަރަށް ގިނަ ބޭފުޅުން ސަރުކާރުގެ އެކި މަގާމުތަކުގައި އެބަ ތިއްބެވި އެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުގައި ދެއްވި ފުރަތަމަ އިނގެރޭސި ސްޕީޗުން ގިނަ ބައެއްގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވި އެވެ.