ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އިން ގދ. ތިނަދޫގައި މަލްޓި-ސްޕެޝިއަލިޓީ ހެލްތް ކޭމްޕެއް ބާއްވަން ހަމަޖައްސައިފި އެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި މި ކޭމްޕް އޮންނާނީ މި މަހުގެ 30 -31 އަށެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އާއި ގދ. ތިނަދޫ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި ކޭމްޕްގައި ތަޖުރިބާކާރު ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ޓީޓީއެޗުން ބުނެ އެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި ހެލްތް ކޭމްޕްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން، ކަށީގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކާއި، ކުޑަކަމުދާ ނިޒާމްގެ މައްސަލަތަކާއި، ހުޅުހުޅުގައި ރިއްސުމާއި، ހިތުގެ ބަލިތަކާއި، ގޮހޮރުގެ ބަލިތަކާއި ވައިހެދުމުގެ މައްސަލަތަކުގެ އިތުރުން އަންހެނުންގެ ހާއްސަ ބަލިތަކަށް ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމްތައް ބައިވެރިވާގޮތަށް ހަމަޖެހިފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިފަދަ ހޭލުންތެރިކުރުމުގެ ސިއްހީ ކޭމްޕްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޮންމެ އަހަރަކު ވެސް ކުރިޔަށް ގެންދެ އެވެ. މިގޮތުން މިއަހަރުގެ ޖުލައި މަހުގައި، ގއ. ވިލިނގިލީގައި ބޭއްވި ކޭމްޕްގައި 317 ފަރާތަކުން ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން މި އަތޮޅުގެ ރަށްތަކުގެ ތެރެއިން މާމެންދޫ، ކޮލަމާފުށި، ގެމަނަފުށި، ދާންދޫ، ކޮނޑޭ، ނިލަންދޫ އަދި ކަނޑުހުޅުދޫން ވެސް މި ކޭމްޕްގައި ވެސް ބައިވެރިވެފައިވެ އެވެ. މިކޭމްޕްތަކުގައި ޑޮކްޓަރަށް ދައްކުމަށް ބަލިމީހުންގެ އަތުން އެއްވެސް އަގެއް ނުނަގަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އަދި މިފަހަރުގެ މިކޭމްޕް ކުރިޔަށް ގެންދިއުމަށް އެ ހޮސްޕިޓަލަށް ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށް، ގދ. އަތޮޅު ކައުންސިލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ އަންހެނުންގެ ކޮމިޓީއަށް އިޚުލާސްތެރިކަމާއެކު ޝުކުރުވެރިވާ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޑރ. ސްރިވަޓްސަން ސްރިދާރް ޖީ، ފާހަގަކުރެއްވި ގޮތުގައި، މި ހަރަކާތުގެ ސަބަބުން މާލެއަށް ދަތުރުކުރުމަށް ހޭދަވާ ވަގުތާއި ޚަރަދު ސަލާމަތްވެ، ލުއިފަސޭހަކަމާއެކު ސްޕެޟަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އަދި މި ކޭމްގައި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑަކްޓަރުންނާއި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޑަކްޓަރުން ޓެކްނިކަލް ލެވެލްގައި މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިޔަށްގެންދެވޭނެ ކަމަށް ޓީޓީއެޗުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކޮންމެ އަހަރަކު ދިވެހިރާއްޖޭގައި އެކި ކަންކޮޅުތަކުގައި ގިނަ ދާއިރާތަކެއް ހިމެނޭ ޞިއްޙީ ކޭމްޕްތައް ބާއްވަމުން ގެންދެ އެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައި ވެސް މިފަދަ ކޭމްޕްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

"މީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އަދި މުޖުތުމައުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެއް. މިފަދަ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުން ގިނަ ރިކުއެސްޓްތަކެއް ލިބެމުންދާކަން އުފަލާއެކު ފާހަގަކުރަން،" އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ގދ. ތިނަދޫ މަލްޓި ސްޕެޝަލިޓީ ހެލްތް ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމް

  • ޑރ. މުހައްމަދު ހަބީބް - ކޮންސަލްޓަންޓް ކަށީގެ ޙާއްސަ ބަލިތަކާއި ޓްރައުމާ ސާޖަރީ
  • ޑރ. އަލީ މުޒްނީ - ކޮންސަލްޓަންޓް ކަށީގެ ހާއްސަ ބަލިތަކާއި ސާޖަރީ
  • ޑރ. އަޙްމަދު އާޒިމް އަބްދުލް ޝަކޫރު - ކަށީގެ ހާއްސަ ބަލިތަކާއި ސާޖަރީ ކޮންސަލްޓަންޓް
  • ޑރ. ރާޖޭޝް އަރްވިންދް ވާލަން ކޮންސަލްޓަންޓް - ކަރުން މަތީގެ ހާއްސަ ބަލިތައް
  • ޑރ. ޝިރްމީން މުހައްމަދު- ކޮންސަލްޓަންޓް އަންހެނުންގެ ހާއްސަ ބަލިތައް
  • ޑރ. މެހްމުތް އޮޑާކޮންސަލްޓަންޓް - ކުޑަކަމުދާ ނިޒާމުގެ ބަލިތައް
  • ޑރ. އަބްދުލް އަޒީޒް އަހުމަދު - ކޮންސަލްޓަންޓް ހިތުގެ ހާއްސަ ބަލިތައް (އިންޓަވެންޝަނަލް ކާޑިއޮލޮޖީ)
  • ޑރ. ޑިއެގޯ އެލެޖެންރޯ ބުލްޖެރިއޯނިއޯ ކޮންސަލްޓަންޓް - އެތެރެހަށީގެ ހާއްސަ ބަލިތައް

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ.

"އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ޚިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުން. އެންމެ ޒަމާނީ ޓކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޙިދުމަތްތަކާއި އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން،" އެ ހޮސްޕިޓަލުން ބުންޏެވެ.