ހޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ އެންޖެލީނާ ޖޯލީއަށް ކުރިއަށް އޮތް ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ހާއްސަ ޝަރަފެއް ދޭން ނިންމައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ އެވޯޑްގެ ޓްރިބިއުޓު އެވޯޑް އެންޖެލީނާއަށް ދޭން ނިންމާފައިވަނީ މުނިފޫހި ފިލުވުމުގެ ދާއިރާއަށާއި އިންސާނީ އެހީއަށް އޭނާ ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
އެ ޝަރަފު އެންޖެލީނާއަށް ދިނުން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހު ބާއްވާ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ފަންޑް ރެއިޒިން އިވެންޓެއްގަ އެވެ.
ޓީއައިއެފްއެފް ޓްރިބިއުޓް އެވޯޑަކީ މުނިފޫހި ފިލުވުމުގެ އިތުރުން އިޖުތިމާއީ ރޮނގުން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.
މީގެ ކުރިން އެ އެވޯޑް ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ޕެޑްރޯ އަލްމޯޑޮވާރް، މީރާ ނައަރް ހިމެނެ އެވެ. އެންޖެލީނާއާ އެކު މިއަހަރު އެވޯޑް ލިބޭ ފަރާތްތަކުގެ ތެރޭގައި އެމީ އެޑަމްސް އާއި ކޭޓް ބްލޭންޗެޓް ހިމެނެ އެވެ.
އެންޖެލީނާއަކީ ހުނަރުވެރި ފަންނާނެއްގެ އިތުރުން އިންސާނީ އެހީއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެކެވެ. އޭނާ ވަނީ ކެމްބޯޑިއާ އާއި އިތިއޯޕިއާގެ ކުއްޖެއްގެ ގާނޫނީ ބަލަދުވެރިކަމާ ވެސް ހަވާލުވެފަ އެވެ.