އަނގަފާރުވުމަކީ ވަރަށް އުނދަގޫ އަދި ވޭންހުރި ކަމެކެވެ. އެހެން ނަމަވެސް މިއީ ގެއިން ވެސް ވަރަށް ފަސޭހަ ކަމާއެކު ހައްލު ހޯދިދާނެ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ފަރުވާތަކަށެވެ.
މާމުއި
މާމުޔަކީ ޒަމާނުއްސުރެ ބޭސްފަރުވާ އަށް ބޭނުން ކުރަމުން އަންނަ އެންޓި އިންފްލެމެންޓަރީ އަދި އެންޓި ބެކްޓީރިއަލް މާއްދާތައް ހިމެނޭ އެއްޗެކެވެ. ފާރުގަނޑުގައި މާމުއި އުނގުޅުމުން އާޓިޝޫތައް އުފެދި ފާރު ރަނގަޅު ވުމަށް އެހީވެދެ އެވެ.
އަލޯވެރާ
އަލޮވެރާގައި ހުންނަ ޖެލް އަކީ ހުރިހާ ވައްތަރެއްގެ ފާރަށް ވެސް ރަނގަޅު ފަރުވާއެކެވެ. މި ޖެލްގައި ހިމެނޭ އެންޓި އިންފްލެމެންޓަރީ މާއްދާއިން ފާރުގަނޑު ފަސޭހަކޮށްދީ ތަދު ކަނޑުވަ އެވެ. އަލޮވެރާ ޖެލްކޮޅެއް ފެންފޮދަކަށް އަޅާފައި އެފެނުން ކޮންމެ ދުވަހަކު ދެފަހަރު އަނގަ ދޮންނާށެވެ.
ކާށިތެޔޮ
އަނގައިގައި ހެދިފައި ހުންނަ ފާރުގެ އެތެރޭގައި ހުންނަ ފަށަލަތައް ބެދި ރަނގަޅު ކޮށްދިނުމަށް ކާށި ތެލުން އެހީވެދެ އެވެ. ކާށިތެލަކީ އެންޓި އިންފްލެމެންޓަރީ އެއްޗަކަށް ވުމުން އޭގެން ތަދުކެނޑުމަށް ވެސް އެހީވެދެ އެވެ.
ލޮނު އަދި ބޭކިން ސޮޑާ މިކްސް
އެންމެ ފަސޭހައިން އަނގައިގެ ފާރު ފަސޭހަ ކުރެވޭނީ ތާފާނާ ފެނަށް ލޮނު ނުވަތަ ބޭކިން ސޮޑާ އެޅުމަށްފަހު އެފެނުން އަނގަ ދޮވުމުންނެވެ. މީގައި ހިމެނޭ އެންޓި ބެކްޓީރިއަލް މާއްދާތަކުން ފާރުތައް ރަނގަޅުވެ އެވެ.