ޔޫރަޕްގެ މަންޒިލެއް ކަމަށްވާ ސްޕެއިންގެ ސަގާފަތުގެ މުހިއްމު ހަރަކާތެއް ކަމަށްވާ ޓޮމާޓީނޯ ފެސްޓިވަލްގެ މި އަހަރުގެ އިވެންޓް ބާއްވައިފި އެވެ.

ސްޕެއިންގެ ބުނޯލް ނަމަކަށް ކިޔާ އަވަށުގައި މިދިޔަ ބުދަ ދުވަހު އޮތް އެ ފެސްޓިވަލްގައި ކުދިބޮޑު ހުރިހާ އުމުރުފުރައެއްގެ 22000 މީހުން ބައިވެރިވި އެވެ.

މި ފެސްޓިވަލްއަކީ އެކަކު އަނެކަކު ގަޔަށް ފާ ޓޮމާޓޯ ޖަހަމުން ކުޅޭ ކުޅިވަރެކެވެ. ހަރަކާތް ނިމޭއިރު މުޅި އަވަށް ޓޮމާޓޯގެ ކުލައިން އެއްކުލަ ކޮށްލަ އެވެ.

ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ ފަހު ހަފްތާގައި ބާއްވާ ޓޮމާޓީނޯ ފެސްޓިވަލްގައި 1.5 ޓަނަށްވުރެ ގިނަ ފާ ޓޮމާޓޯ ބޭނުންކުރެ އެވެ.

މިއީ ކުރެވޭ އިސްރާފެއް ކަމަށް ބުނެ ބައެއް މީހުން ފާޑުކީ ނަމަވެސް އެފަދަ މީހުންނަށް ސްޕެއިންގެ ރައްޔިތުން ދޭ ރައްދަކީ އެމީހުން ބޭނުންކުރަނީ ފާވެ ބޭނުން ނުކުރެވޭ ވަރު ވެފައި ހުންނަ ޓޮމާޓޯ ކަމެވެ.

ސްޕެއިންގެ އަމިއްލަވަންތަކަމާއި ސަގާފަތުގެ ރަމްޒެއްގެ ގޮތުގައި ބެލެވޭ ޓޮމާޓީނޯ ފެސްޓިވަލް ބަލާލައި އެކަމުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ފަތުރުވެރިންނެއް އެގައުމަށް ޒިއާރަތް ކުރެ އެވެ.