މާލެ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭއިން ނެރުނު އިއުލާނުގެ ދަށުން މަގުމައްޗާއި އާންމު ތަންތަނަށް ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ރެއިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހަށް ވަނީ މަނާކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް 100 އަށްވުރެ މަދު ނުވާތާ މަހަކަށްވުރެ ގިނަ ދުވަސްވި އިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ދުވަހެއް ދުވަހަކަށް ވުރެ ވަރުގަދަ ކުރަމުންނެވެ.

މިގޮތުން ފަސް މީހުންނަށްވުރެ އިތުރައް އެއްވެ އުޅުން މަނާކުރިއިރު ރޭގަނޑު 11:00 ފެށިގެން ފަތިހު 4:30 ގެ ނިޔަލަށް ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި ދުވާ ޓްރެކްތަކާއި ޕާކްތަކާ މައިޒާންތައް ބަންދުކޮށްފައިވާ އިރު ޔުނިވާސިޓީއާއި ކޮލެޖްތަކާ، ފިލްމް ތިއޭޓަރު ވެސް ވަނީ ބަންދުކޮށްފަ އެވެ.

އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަމުން ދިޔަ ނަމަވެސް އެއްވެ އުޅުން މަދުނުވާކަން ފާހަގަކުރެވެ އެވެ.

ރާއްޖޭގައި ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެމުން ދާއިރު މިއަދު ވަނީ 12 ވަނަ ފަހަރަށް ސިއްހީ ނުރައްކަލުގެ ހާލަތު އިތުރުކޮށްފަ އެވެ.