މަޖީދިއްޔާގެ ކިޔެވުމާއި ދަރިވަރުންނާއި ޓީޗަރުންނާ ގުޅޭ ކަންކަން ގޯސްވެ، ބޮއްސުންލަމުންދާތީ އެ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހުއާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ ވަކިކުރަން އެދި ބެލެނިވެރިންތަކެއް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލު، މަޖީދިއްޔާގެ ހެނދުނާއި މެންދުރުފަހުގެ ދަންފަޅީގެ ގިނަ ބެލެނިވެރިންތަކެއް ސޮއިކޮށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއުށް ފޮނުވައިފައިވާ ޕެޓިޝަންގައި 35 ކަމެއް ފާހަގަކޮށްފައިވެ އެވެ.

މަޖީދިއްޔާ ސުކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ

އޭގެ ތެރޭގައި ދަރިވަރުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި ކިޔެވުމާއި އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ސަމާލުކަމާއި ވަގުތު ނުދިނުމުގެ ސަބަބުން ކަންކަން ބޮއްސުންލައިގެން ދިޔުމާއި ވަކި ފިކުރެއްގެ ޓީޗަރުންނަށް ކުރިއެރުމާއި ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ކަންކަން ކުރުން ފާހަގަކޮށްފައިވެ އެވެ.

މަޖީދިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި އައިޝަތު މުހައްމަދު ސޯލިހު ހުންނަވާތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ އެ ސްކޫލަށް ހިދުމަތް ކުރައްވާތާ 15 އަހަރު ވަނީ ވެފަ އެވެ.

ޕެޓިޝަންގައި ބެލެނިވެރިން ފާހަގަކޮށްފައި ހުރި މުހިންމު ބައެއް ނުކުތާތަކުގެ ތެރޭގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލްގެ ވިސްނުމާއި ހިޔާލު ތަފާތުވުމުގެ ސަބަބުން ކަންކަމުގައި އެއްބަސް ނުވެވުން، މެނޭޖްމަންޓުގެ ނާގާބިލް ކަމުން ގާބިލް އެތައް ޓީޗަރުން ސްކޫލް ދޫކޮށް ދިއުން، ކުދިންގެ ކިޔެވުމުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވާކަން ފާހަގަކޮށްފައިވެ އެވެ.

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސޯލިހަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޮ އެވެ. އައިޝަތު ސޯލިހު ވަނީ ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލްކަން ވެސް ކުރައްވާފަ އެވެ.