ބްރުޖްގެ މަސައްކަތް އޭރުގެ ހައުސިން މިނިސްޓްރީއާ ހަވާލުކުރި ފަހުން އެއްވެސް ލޭނެއް މަދުނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިރޭ ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ސިނަމާލެ ބްރިޖްގެ ޕްރެޖެކްޓް ފެށިއިރު ބަލަހައްޓަމުން ދިޔައީ ރައީސް އޮފީހާއި ފޮރިން މިނިސްޓްރީން ކަމަށާއި، ހައުސިން މިނިސްޓްރީއާ ހަވާލުކުރީ ނޮވެމްބަރު 2014 ގައި ކަމަށާއި އޭގެ ފަހުން އެއްވެސް ލޭނަކަށް ބަދަލެއް ނާންނަ ކަމަށެވެ.

އެއްވެސް ބަދަލެއް އައިނަމަ ރައީސްއަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުގެ ކުރިން ބަދަލެއް ގެނައިކަން އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދާދިފަހުން މަޖިލިސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދެއްވި އިންޓަވިއުއެއްގައި ބްރިޖްގެ ލޭނެއް މަދުވުމުން އޭރުގެ ރައީސް އަބްދުﷲ ޔާމީން ރައީސް މުއިއްޒުއަށް ރޮވެންދެން "ބަވާލި" ކަމަށް ވިދާޅުވެފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ، ބްރިޖް ނިމެން މަހަކަށްވި ފަހުން ރައީސް ޔާމީން ބޭނުންފުޅުވީ ބްރިޖްގައި ސައިކަލަށް ވަކިން ހާއްސަ ލޭނެއް އޮންނަ ގޮތަށް ހަމަޖައްސަން ކަމަށާއި ނަމަވެސް ޗައިނާއާ ވެސް ވަރަށް ގިނަ ވާހަކަ ދައްކައިގެން ވެސް މާ ލަސްވުމުން އެގޮތަށް ހަމަޖެހޭގޮތް ނުވީ ކަމަށެވެ.

އޭގެ ފަހުން އޭރުގެ ޕީޕީއެމް އޮފީހުގައި ޕާޓީގެ އިސް ބޭފުޅުންނާއެކު ބައްދަލުވުމެއް ރައީސް ޔާމީން ބާއްވަވައި އެވާހަކަ ދެއްކެވިކަމަށް ރައީސް ވިދާޅުވި އެވެ.

"ރައީސް ޔާމީން ވިދާޅުވީ މި ބްރިޖް ނުހުޅުވޭނޭ، ސައިކަލަށް ވަކި ލޭނެއް ނެތިއްޔާ، އޭރުން އިންސިޑެންޓްސް ދިމާވާނޭ. ލޭނެއް މަދުވީ ކީއްވެތޯ ރައީސް ޔާމީން އެއްސެވި، ނަމަވެސް އަޅުގަނޑު ދަންނަވާނީ ކީކޭތޯ. އަޅުގަނޑު ދިޔައީ ކިޔާދެމުން ހަވާލުކުރި ފަހުން ބަދަލެއް ނާންނަ ކަމަށް. ބަދަލެއް ނުގެނެވޭ ވަރަށް ލަސްވެފަ އޮތީ. އަޅުގަނޑު ދެއްކި އެއްވެސް ވާހަކައެއް ގަބޫލުނުކުރެއްވި. ރައީސް ޔާމީން ވިދާޅުވީ އެގޮތަށް ބްރިޖް ނުހުޅުވޭނޭ،" ރައީސް ކިޔާދެއްވި އެވެ.

އެހެން ވިދާޅުވެފައި ރައީސް ޔާމީން ބައްދަލުވުން ނިންމަވާ ވަޑައިގެންނެވުމުން ވަރަށް ދެރަވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ ތެދެއް. އެވަގުތު އަޅުގަނޑަށް ވަރަށް އަސަރުކުރި، ހަމަ ރޮވުނު،" ރައީސް ވިދާޅުވި އެވެ. އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަތީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވެދާނެތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބައްދަލުވުމަށްފަހު ގެއަށް ވަޑައިގެންވެސް ރައީސް ޔާމީންއަށް ގުޅުއްވާ ވާހަކަ ދައްކަވައިގެން އޭރު އޮތްގޮތަށް ކުރިއަށް ގެންދިޔުމަށް ރައީސް ޔާމީން ދެންނެވިކަމަށް ރައީސް ވިދާޅުވި އެވެ.

ޗައިނާގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުގެ ހަރަދުގައި ހެދި ޗައިނާ - މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖްއަށް މިއަދަށް 6 އަހަރު ފުރުނުއިރު، ބްރިޖް ޕްރޮޖެޓް އިއުލާންކޮށް ދެއްކި ވީޑިއޯގައި ހުރި ވަރަށް ވުރެ އެއް ލޭން މަދުކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އެންމެ ބޮޑަށް އޭރު ވެސް ތުހުމަތު ކުރެވުނީ އޭރުގެ ހައުސިން މިނިސްޓަރު ރައީސް މުއިއްޒު ބްރިޖްގެ ލޭނެއް މަދުކުރެއްވީ ކަމަށެވެ.