އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަން ފެށި މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މުޒާހަރާގެ ތެރެއިން މިހާތަނަށް 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ވަނީ ޕީޕީއެމް އާއި ޕީއެންސީން މާލޭގައި މުޒާހަރާ ކުރަން ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމް އޮފީސް ހިމެނޭ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ބަންދުކޮށްފަ އެވެ. ހެންވޭރުގައި ހުންނަ ހުރަފާގައި ހުންނަ އޮފީސް ބަންދުކޮށް ފުލުހުން ބަންދުކުރީ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން.

އިދިކޮޅު ކޯލިޝަނުން މުޒާހަރާ މިއަދު ހަވީރު ބާއްވަން އުޅެނިކޮށް ވަނީ އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވުން މަނާކޮށްފަ އެވެ.

ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދު ފުލުހުން ބަންދުކުރުމުން މުޒާހަރާކުރާ މީހުން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެފަ އެވެ. މިގޮތުން ލޯކަލް މާރުކޭޓު ސަރަހައްދަށާއި މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމައްޗަށް ވެސް އެއްބަޔަކު އެއްވެފައިވެ އެވެ. އަދި އެތަނަށް ދިޔަ މީހުން ފޮނުވާލައި ފުލުހުން ވަނީ ބައެއް މީހުން އެތަނުން ގެންދިޔަ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން.

މުޒާހަރާކުރަމުންދާ މީހުން ވަނީ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްތިއުފާ ދިނުމަށް ވެސް ގޮވާލަމުންދިޔަ އެވެ.