ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ޝޮޕިން މޯލެއްގެ ތެރޭގައި ހުންނަވަނިކޮށް ފޮޓޯއެއް ނެގި ކަމުގެ ތުހުމަތުގައި ދިވެއްސެއްގެ ފޯނު ހިފަހައްޓައި ތަހުގީގު ހިންގާތީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެ މީހާގެ ފޯނު ހިފެހެއްޓީ ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން އުޅުއްވަނިކޮށް އެމަނިކުފާނާއި އާއިލާއަށް ފާރަލުމާއި، ސިންގަޕޫރުގައި ދިރިއުޅުއްވިތަން އާންމުވާ ގޮތަށް ފޮޓޯ ނަގައި އާންމުކުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވެފައިވާތީ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ފައްޔާޒު ވިދާޅުވީ ގާނޫނަކުން ކަނޑައެޅިގެން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީން ލިބިދީފައިވާ އެ ހައްގު އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް ފާސްކުރާ ގާނޫނަކުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މިއީ ދައުލަތުން ގާނޫނުގެ ވެރިކަމުގެ ސިފަތައް ނެތިގެން ދާކަމުގެ ނުރައްކަލުގެ ‘ފެހި ސިގްނަލެއް’ ކަމަށެވެ. އަދި ޒާތީ މަސްލަހަތަށްޓަކައި ރާއްޖޭގެ އަދުލުގެ ނިޒާމު ގަޑުބަޑު ނުކުރުމަށް ރައީސް މުއިއްޒަށް އޭނާ ގޮވާލެއްވި އެވެ.