ރައީސް މުއިއްޒު ދިފާއުކުރުމަށް ދައްކާ ވާހަކަތަކުން ވެސް ދޭހަ ވަނީ މުއިއްޒުގެ އިސްތަށިފުޅުގައި އިލްޒާމެއް އެޅުވީ ރައީސް ޔާމީން ކަމަށް. އެހެންމަވެސް ބްރިޖުގެ ލޭނަކާ ބެހޭ ވާހަކަ މީޑިއާތަކާ ހަމަޔަށް ތިލަކޮށް، ރައްޔިތުންގެ ލޭ ކައްކުވާލީ ރައީސް މުއިއްޒުގެ ސިޔާސީ މުޝީރު އަދި އެމަނިކުފާނު ރޯލް މޮޑެލްއެއް ކަމަށް ދެކޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް.

ދާދިފަހުން ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ދެ އަންހެނަކު ވާހަކައެއް ދައްކަމުން ދިޔަ ވީޑިއޯ ކްލިޕެއް ފެނުނެވެ. އޭގައި އެމީހުން ދެއްކި ވާހަކައިގެ ޚުލާސާއަކީ ސިނަމާލެ ބްރިޖުން ލޭނެއް މަދުވިކަމުގެ އިލްޒާމު ބަޔަކު ރައީސް މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި އަޅުވާ ވާހަކަ އެވެ. އެބަޔަކީ ޕީއެންއެފް ކަމަށް ވެސް އެމީހުން ބުންޏެވެ.

ޕީއެންއެފަކީ ރައީސް އަބްދުﷲ ޔާމީން އިސްވެ ހިންގަވާ ސިޔާސީ ޕާޓީއެކެވެ. އެހެންކަމުން ދެކެވޭ ވާހަކައިން ހީވަނީ ރައީސް މުއިއްޒާ ދިމާކުރެއްވުމުގެ ގޮތުން ރައީސް ޔާމީން އެ ވާހަކަ ދައްކަވަނީ ކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރެއް ކަމަށްވާ އަލީ އާރިފް ފޭސްބުކް ޕޭޖްގައި ވެސް އެމޭރުމުން ދިގު ޕޯސްޓެއް ކުރެއްވި އެވެ. އެ ޕޯސްޓުގައި އޭނާ ވެސް ވިދާޅުވެފައި ވަނީ ބްރިޖުން ލޭނެއް ނުވަތަ ލޭނުތަކެއް އުނިކޮށްލުމުގެ ބަދުނާމު ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި ބަޔަކު އަޅުވަމުންގެންދާ ވާހަކަ އެވެ. ދެން އެފަދަ ފަރާތްތަކަށް ދޭ އިންޒާރެއްގެ ސިފައިގައި އަލީ އާރިފް ދައްކަވާފައި އޮތީ އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާގެ ވާހަކަ އެވެ. އެއިން ލޯ ލާރިއެއް ވެސް ދައުލަތަށް ލިބިފައި ނުވާކަމާއި ބްރިޖްގެ ލޭނުގެ ތަހުގީގަށް ވުރެ ކުރިން ކުރަން ޖެހެނީ އެފައިސާ ހޯދުމުގެ ތަހުގީގު ކަމަށް ވިދާޅުވެފައި އޮތެވެ.

އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކައަކީ ސަރުކާރުގެ އިސް ވެރިން ފަހަކަށް އައިސް ވަރަށް ގަދަޔަށް ދައްކާ ވާހަކައެކެވެ. ބޭނުމަކީ އެބަހަނާގައި ރައީސް ޔާމީނަށް ސިޔާސީގޮތުން ޕްރެޝަރު ކުރުމެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ހެދި ސިނަމާލެ ބްރިޖް. ފޮޓޯ: ޝިންހުއާ

ބްރިޖުގެ ލޭނެއްގެ ވާހަކަ މި ހިސާބަށް ގޮސް ރައީސް މުއިއްޒުގެ ދިފާއުގައި ސަރުކާރަށް ސަނާކިޔާ މީޑިއާތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުން ޚަރަދުކޮށްގެން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާއިތުވެ ދިޔަ ދެތިން ދުވަހަކު އުޅުނީ އަވަދި ނެތި އެމަނިކުފާނުގެ ދިފާއުގަ އެވެ. ބްރިޖުން މަދުވި ލޭނުގެ މައްސަލާގައި ރައީސް މުއިއްޒަށް އެވަރުގެ ބޮޑު ނުތަނަވަސްކަމެއް ލިބިވަޑައިގެން ދިފާއަށް ނިކުންނެވިއިރު ބްރިޖުގެ ލޭނުގެ ވާހަކަދެއްކީ ކާކުކަން ހަނދާން ހުރިހެނެއް ހިޔެއް ނުވެ އެވެ.

ސަބަބަކީ ރައީސް މުއިއްޒު ދިފާއުކުރުމަށް ވާހަކަ ދައްކާ ފަރާތްތަކުންނާއި ޚުދު ރައީސް މުއިއްޒު ސަންގު ޓީވީގައި ދެއްކެވި ވާހަކަތަކުން ވެސް ދޭހަ ވަނީ ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އިލްޒާމެއް އެޅުވީ ކުރީގެ ރައީސް ޔާމީން ކަމަށެވެ. އެހެންމަވެސް ބްރިޖުގެ ލޭނަކާ ބެހޭ ވާހަކަ މީޑިއާތަކާ ހަމަޔަށް ތިލަކޮށް، ރައްޔިތުންގެ ލޭ ކައްކުވާލީ ރައީސް މުއިއްޒުގެ ސިޔާސީ މުޝީރު އަދި އެމަނިކުފާނު ރޯލް މޮޑެލްއެއް ކަމަށް ދެކޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

"އަޅުގަނޑު މިވާހަކައިގެ ކޮންމެވެސް ވަރެއްގެ ތަފުސީލެއް ދޭން ބޭނުން. އެދުވަހު ޔާމީން ވިދާޅުވީ ބްރިޖުގެ އެއް ލައިން (ލޭން) މަދުކަން ތިމަންނައަށް މިއަދުއޭ މިއެނގުނީ. ކިޔާފައި މުއިއްޒުއަށް ހެސްކިޔާފަ ބަވާލީ،" ބްރިޖުގެ ލޭނެއް މަދުވުމުން އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ޔާމީން ވާހަކަފުޅުދެއްކެވިކަން ހާމަކުރަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ބްރިޖުގެ ލޭންތަކުގެ އަދަދާއި ބްރިޖު އޮތް ގޮތް މާ ކުރިން ވެސް އެނގި ވަޑައިގަންނަވާނެ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ހެދި ސިނަމާލެ ބްރިޖްގައި މީހަކު ސައިކަލެއްގައި ދަނީ. ފޮޓޯ: ޝިންހުއާ

ސިނަމާލެ ބުރިޖްގެ ކުރެހުންތައް ފުރަތަމަ ފެނުނު އިރުވެސް އަދި އެ ބްރިޖްގެ ތައާރަފް ރައްޔިތުންނަށް ދިން އިރުވެސް އޭރުގެ ހައުސިން މިނިސްޓްރީ އިން ރައްޔިތުންނަށް ހާމަކުރަމުން ގެންދިޔަ މައުލޫމާތުގައި ބުރިޖުގައި ސައިކަލު ދުއްވަން ވަކި ލޭނެއް އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ބްރިޖް ހުޅުވުނުއިރު އެއް ލޭނު މަދުވުމުން ރައްޔިތުންގެ ހިތްތަކުގައި އޭރުވެސް އެކަމުގެ ޝަކުވާ އޮތެވެ.

ބްރިޖުން ލޭނެއް މަދުވުމުން އެކަމުގެ ނުތަނަވަސްކަމުގައި ރައީސް ޔާމީންގެ ހައުސިން މިނިސްޓަރު މުއިއްޒު ދެކެ ކޯފާވެވަޑައިގެންނެވިކަން އަބްދުއްރަހީމްގެ ދޫފުޅުން ވިދާޅުވުމާ ހަމަޔަށް އެއީ އެއްވެސް ބަޔަކު ދެއްކި ވާހަކައެއް ނޫނެވެ. އަބްދުއްރަހީމުގެ ދޫފުޅުން އެވާހަކަ އެގޮތަށް އައުމާއެކު އެ ވާހަކަ ވީ ސިޔާސީ ގޮތުން ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ޕްލަސް ޕޮއިންޓަކަށެވެ.

އެހާ ހިސާބުން ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ހިންގާ ސަންގު ޓީވީއަށް އާ ރަށުގައި ކުއްލި އިންޓަވިއުއެއް ދެއްވައި ބްރިޖުގެ ލޭނެއް މަދުނުވާކަމާއި ބްރިޖު ނިންމާފައި އެއޮތީ އެންމެ ފުރަތަމަ ދުވަހު ވެސް ކަނޑައަޅާފައި އޮތް ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.

މުއިއްޒު މީޑިއާއަކަށް އިންޓަވިއުއެއް ދެއްވަނީ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ސައިކަލަށް ވަކި ލޭނެއް ނެތި ބްރިޖު ނުހުޅުވޭނެ ކަމަށް ވިދާޅުވީ މާ ފަހުން ކަމަށެވެ. އޭރު ބްރިޖު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށް ގެންދާތީ އެކަން ނުވާނެ ކަމަށް ޔާމީނަށް ދެންނެވި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވިޔަސް އެ ވާހަކަފުޅާ ތައާރަޒުވާ ގޮތަށް މުއިއްޒު ދައްކަވާފައި ހުރި ވާހަކައިގެ ވީޑިއޯ މާލަހެއް ނުވެ ވަނީ އާންމުވެފަ އެވެ.

ސިނަމާލެ ބްރިޖް ހުޅުވިތާ ހަ އަހަރު ފަހުން އެ ބްރިޖުން ލޭނެއް މަދު ވާހަކަ ތިލަވެ އެ މަދުވިލޭނުގެ މައްސަލާގައި މިހާރުގެ ރައީސަށް އާންމުން މިވަނީ އިނގިލި ދިއްކުރަން ފަށައިފަ އެވެ. އެ އުނދަގޫ ހާލަތަށް ރައީސް މުއިއްޒު ވައްޓަވައިލެއްވީ އެމަނިކުފާނު ވެރިކަމަށް ގެންނެވުމުގެ މޭސްތިރިއާ ކަމަށް އަމިއްލަފުޅަށް ވިދާޅުވަމުންގެންދަވާ އަބްދުއްރަހީމް އެވެ.