ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް މިރޭ ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޒަމީރުގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ޒަމީރުގެ މި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ހިޒް ހައިނަސް ޝެއިޚް އަބްދުالله ބިން ޒައިދު އަލް ނަޙްޔާންގެ އިތުރުން ޔޫއޭއީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ޒަމީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް، އަޙުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހާމީދު؛ އަދި ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވަ އެވެ.

ޒަމީރު ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅުގެ ބޭނުމެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. ދާދިފަހުން ޒަމީރު ވަނީ އެމްއެމްއޭގެ ގަވަރުނަރާ އެކު ސައުދީއަށް ވެސް ވަޑައިގެންފަ އެވެ.

ނުވަ ގައުމަކަށް ޒަމީރު ކުރެއްވި ދަތުރުފުޅުތަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ "ހުރިހާ"އަށް މައުލޫމާތު ދީފަ އެވެ. ނަމަވެސް މި ދަތުރުފުޅުތަކުން ހާސިލުވި ނަތީޖާއެއް ނެތެވެ.

ދިވެހި ދައުލަތް މާލީގޮތުން ފުން އަނދަވަޅަކަށް ވެއްޓި ގައުމު ބަނގުރޫޓުވާން ކައިރިވެފައިވާއިރު، އެއްވެސް މަންފާއެއް ނުކުރާ ފަދަ ދަތުރުތަކެއް ސަރުކާރުން ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.