ނޫސްވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފަށް ލިބިވަޑައިގެންފި އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ޖަލްސާގައި މޫސާ އަށް ޝަރަފްވެރިކަމުގެ އެވޯޑް ދެއްވެވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް މޫސަ ވަދެވަޑައިގަތީ މީގެ 35 އަހަރު ކުރިން "ހަވީރު" ނޫހުގެ ޕާޓްޓައިމް ލިޔުންތެރިޔެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ހަވީރު ނޫހާއި "މިހާރު" ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވާފަ އެވެ.

ރައީސް މައުމޫންގެ އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2001 ވަނަ އަހަރު މޫސައަށް ވަނީ މައުލޫމާތު ފެތުރުމުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ދެއްވާފަ އެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން ދިވެހި ނޫސްވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން "ރިހި ގަލަން" ވެސް މޫސައަށް ލިބވަޑައިގެންފައިވެ އެވެ.

މެލޭޝިއާއިން ނޫސްވެރިކަމުގެ ދާއިރާ އިން މަތީ ތައުލީމު ވެސް ހާސިލް ކުރައްވާފައިވާ މޫސަ އަކީ ރާއްޖޭގެ އެކި މައްސަލަތަކަށް މޮޅު ލިޔުންތަކެއް ލިޔުއްވާފައިވާ އަދި މިހާރު ވެސް ލޔުއްވަމުން ގެންދަވާ ހުނަރުވެރި ލިޔުންތެރިޔެކެވެ. ނޫސްވެރިން ތަމްރީނު ކުރެއްވުމަށް ވެސް މޫސާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފަ އެވެ.