މަޝްހޫރު ގޭމް ކުންފުނި ޕްލޭ ސްޓޭޝަންއިން އެންމެ ފަހުން ބާޒާރަށް ނެރުނު ގޭމް "ދަ ކޮންކޯޑްސް" ބާޒާރުން ނަގައި ސަސްޕެންޑް ކުރަން އެކުންފުނިން ނިންމައިފި އެވެ.

ޕްލޭ ސްޓޭޝަންއިން މި ނިންމުން ނިންމާފައިވަނީ އެ ގޭމް ލޯންޗުކުރި ހިސާބުން މިއަދާ ހަމައަށް ވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެވެ.

ޕްލޭސްޓޭޝަންގެ ބްލޮގްގައި ގޭމްގެ ޑިރެކްޓަރު ރަޔާން އެލިސް އާއްމުކުރި މެސެޖެއްގައި ބުނެފައިވަނީ ކޮންކޯޑްސް ޕްލޭ ސްޓޭޝަން 5 އަށް ގެނެސްފައިވާނީ ގިނަ ކުޅުންތެރިންގެ އެދުމުގެ މަތިން ކަމަށެވެ.

އެހެން ނަމަވެސް ހުރިހާ ކަމެއް ރޭވި ގޮތަށް ގޮސްފައި ނުވާ ކަމަށާއި އެހެން ކަމުން އެ ގޭމް ބާޒާރުން ނަގަން މަޖުބޫރު ވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ރިލީޒް ކުރެވުނު އެ ގޭމްއަށް ލިބިފައިވަނީ އެންމެ 697 ކުޅުންތެރިންނެވެ. މި އަދަދު ގޭމް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.

"ކޮންކޯޑްސް" ބާޒާރުން ނަގަން ނިންމާފައިވާއިރު އެ ގޭމް ގަނެފައިވާ ކުޅުންތެރިންނަށް ފައިސާ އަނބުރާ ދޭން ނިންމާފައިވާ ކަމަށް ޕްލޭ ސްޓޭޝަންއިން ބުނެ އެވެ.

ޕްލޭ ސްޓޭޝަންއަކީ އާއްމު ގޮތެއްގައި ކާމިޔާބު ގޭމްތަކެއް ނެރޭ ކުންފުންޏަކަށް ވި ނަމަވެސް ކޮންކޯޑްސްއަކީ އެ ކުންފުނީގެ މަދު ނާކާމިޔާބީތަކުގެ ތެރެއިން ނާކާމިޔާބެކެވެ.