ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އަންގާފައި ވަނިކޮށް އިތުރު ދެ މީހަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ މަގާމް ދެއްވައިފި އެވެ.

ޕޮލިޓެކްނިކްގެ ގއ. ވިލިނގިލީ ގޮފީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ރައީސް މުއިއްޒު އައްޔަން ކުރެއްވީ އެރަށު އެވަލާސްޓް އަހުމަދު ޝަފީގު (ސައްޕެ) އެވެ. ސިޔާސީ މަގާމް ދެން ދެއްވީ ހަބީބު މުހައްމަދު ނަކަމަށް ކިޔާ މީހަކަށެވެ. އޭނާ އައްޔަން ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ސޮއިކުރައްވައި އެ ދެ މީހުންނަށް ފޮނުވި ސިޓީގައި ވަނީ އެ މަގާމަށް އެ ދެ މީހުން އައްޔަން ކުރީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.

އެ މަގާމުގެ އިނާޔަތްތަކާއެކު ޖުމްލަ މުސާރައަކީ 25،500 ރުފިޔާ އެވެ. އެހެންކަމުން އެ ދެ މީހުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު 51،000 ރުފިޔާ ހަރަދުވާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހާ ހަމައަށް 32 ސިޔާސީ މުވައްޒަފުން ތިބި ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މީގެއިތުރުން ދާދިފަހުން ވަނީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ވެސް ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ގއ. ވިލިނގިލި، ފީރޯޒުގެ، ނަޒްލީން ނަޖީބެވެ. އޭނާގެ މުސާރަ އަކީ އިނާޔަތްތަކާއެކު ޖުމްލަ 35،000 ރުފިޔާ އެވެ.

ސިޔާސީ މަގާމްތަކަށް ބޮޑު މުސާރައިގައި މީހުން އައްޔަން ކުރަމުންދާއިރު، ސަރުކާރުން އަންނަނީ އާދައިގެ ވަޒީފާތަކުގައި ތިބޭ މީހުން ވަޒީފާއިން ވަކިކުރަމުންނެވެ. އެ މީހުން ވަޒީފާތަކުން ވަކިކުރަނީ ހަރަދު ކުޑަކުރުމަށް ކަމަށްބުނެ އެވެ.