ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓްއަށް އިންޑިއާގެ ބައެއް މީޑިއާތަކުގެ އޮފިޝަލުން ފާރަލަމުން ދާތީ އޭނާ ރުޅިގަދަ ވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި ހާދިސާއެއްގައި އާލިއާ ދިރިއުޅެމުން އަންނަ އިމާރާތަށް އޭނާގެ ފަހަތުން ފޮޓޯގްރާފަރުންތަކެއް ވަނުމުން އޭނާ ވަނީ އެމީހުންނަށް ނުރުހުން ފާޅުކޮށްފަ އެވެ.

"ކީއްތަ ތިކުރަނީ؟" މިއީ އަމިއްލަ އިމާރާތެއް" ފަހަތުން ނައުމަށް އެދުމުން ވެސް ބައެއް ފޮޓޯގްރާފަރުން އަޑު ނޭހުމުން ނުރުހުމުގެ ރާގެއްގައި އާލިއާ ބުންޏެވެ.

https://www.instagram.com/reel/C_la7KmKrS1/?utm_source=ig_embed&ig_rid=5df9bdc7-0d8a-4251-8573-abf4fab9e3d6

މިއީ އާލިއާއަށް މީޑިއާގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ތެރޭގައި ވެސް އާލިއާ ގޭތެރޭގައި އުޅެނިކޮށް ދުރުން ނަގާފައިވާ ފޮޓޯތަކެއް ވަނީ އާއްމުވެފަ އެވެ.

އެފަހަރު އާލިއާ ވަނީ މުމްބާއީގެ ފުލުހުންގެ އެހީ ހޯދައި އޭނާގެ ޒާތީ މިނިވަންކަމަށް އަރައިގަތުމުގެ މައްސަލައެއް ފޮޓޯ ނެގި ފަރާތާ ދެކޮޅަށް ޖައްސާފަ އެވެ.

އާލިއާ އާއި އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރު ވަނީ އެ ދެމީހުންގެ އަލަތު ދަރިފުޅު ރަހާގެ ފޮޓޯ ވެސް ނުނެގުމަށް މީޑިއާގެ ކިބައިން އެދިފަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އާލިއާ ދެން އެންމެ އަވަހަށް ފެންނާނީ ވެދާންގް ރައިނާއާ އެކު މި މަހުގެ ފަހުކޮޅު ރިލީޒްކުރާ "ޖިގްރާ" އިންނެވެ.