ދުނިޔޭގެ މަހުޖަނުންގެ ލިސްޓުގައި ބިލިއަނަރުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުން އަންނަ ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކަށް "ޓްރިލިއަނާ"އެއްގެ ޝަރަފު ލިބިފައެއް ނުވެ އެވެ.

އެހެން ނަމަވެސް ސްޓޮކް ބާޒާރު މިހާރު ހިނގަމުން އަންނަ ގޮތަށާއި ވިޔަފާރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވަރަށް އަވަހަށް ދުނިޔޭގައި ޓްރިލިއަނަރެއް އުފެދިދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އެންމެ ފަހުން އާއްމުކުރި ދުނިޔޭގެ މިލްކިއްޔާތު ރިޕޯޓަށް ބަލާއިރު މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު މަހުޖަނު އިލަން މަސްކްގެ މިލްކިއްޔާތަކީ 251 ބިލިއަން އެމެރިކާ ޑޮލަރެވެ.

ފާއިތުވި އަހަރުތަކުގައި އިލަންގެ މިލްކިއްޔާތު ކޮންމެ އަހަރަކު 110 ޕަސެންޓް އިތުރުވެފައިވާއިރު މި ނިސްބަތުން ބަލާ ކަމަށްވާނަމަ 2027 ވަނަ އަހަރާ ހަމައަށް އޭނާގެ މިލްކިއްޔާތު އެއް ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާނެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ފާއިތުވެދިޔަ އަހަރު މާލީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ދެ ކުންފުންޏަކީ މައިކްރޮސޮފްޓްއާއި އެޕަލް އެވެ.

އިލަން މަސްކްއަކީ ދުނިޔޭގެ ކާމިޔާބު ވިޔަފާރިވެރިއަކަށްވާއިރު އޭނާގެ ކުޑަ ދަށުގައި މިވަގުތު ހިނގަމުން އަންނަ ކުންފުނިތަކަކީ ޓެސްލާ، ސްޕޭސް އެކްސް އަދި އެކްސް (ޓްވިޓާ) އެވެ.

އިލަންގެ ފަހަތުން ދުނިޔޭގެ މަހުޖަނުންގެ ލިސްޓުގައި ހިމެނޭ ނަންތަކުގެ ތެރޭގައި ޖެފް ބެޒޯސް، ބިލް ގޭޓްސް، މާކް ޒަކަބާގް އަދި މުކޭޝް އަމްބާނީ ހިމެނެ އެވެ.