ބުން އަޑުގެ ވެރިޔާ އެކްޓަރު ޖޭމްސް އާލް ޖޯންސް މި ދިޔަ ހޯމަ ދުވަހު މަރުވެއްޖެކަމަށް ހޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ. ޖޯންސް މަޝްހޫރުވެފައި ވަނީ ފިލްމް ފްރެންޗައިސް ސްޓާ ވޯސްގެ ވިލަން ޑާތް ވޭޑާގެ ރޯލުންނެވެ. އަދި ޑިޒްނީ ކާޓޫން ދަ ލަޔަން ކިންގް ގައި މުފާސާގެ ރޯލަށް އަޑު އަޅާފައި ވަނީ ވެސް ޖޭމްސް އެވެ.

ޖޯންސް އަކީ ސްޓޭޖާއި ސްކްރީންގެ މަޝްހޫރު ތަރިއެކެވެ. އޭނާ ވަނީ އެމީ، ގްރެމީ، އޮސްކާ އަދި ޓޯނީ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ. ކޭބަލް ނިއުސް ޗެނަލް ސީއެންއެންގެ ސިގްނޭޗާ ލައިން "ދިސް އިސް ސީއެންއެން"ގެ އަޑު އަޅައިދީފައި ވަނީ ވެސް ޖޯންސް އެވެ.

އޭނާ މަރުވިކަން އިއުލާންކުރުމާއެކު ކޮމެޑީ ސީރީސް ދަ ބިގް ބޭންގް ތިއަރީގައި އޭނާގެ ގެސްޓް އެޕިއަރަންސްގެ ކްލިޕެއް ވަނީ އެކްސްގައި ވަައިރަލްވެފަ އެވެ.

އެކްޓަރު ޖޭމްސް އާލް ޖޯންސް ދަ ބިގް ބޭންގް ތިއަރީގައި

މަރުވުމުގެ ކުރިން އޭނާ ވަނީ އާކައިވަލް ރިކޯޑިންގް އަދި އާޓިފިޝަަލް އިންޓެލިޖެންސް ބޭނުންކޮށްގެން އޭނާގެ އަޑު ރީ- ކްރިއޭޓްކުރުމުގެ ހުއްދަ ސްޓާ ވޯޒް ފްރެންޗައިސްއަށް ދީފަ އެވެ.

ޖޭމްސް އާލް ޖޯން މަރުވެފައިވަނީ އުމުރުން 93 އަހަރުގަ އެވެ. އޭނާ މަރުވި ސަބަބުން އާއިލާއިން ހާމައެއް ނުކުރެ އެވެ.