ބާރަށް ކިނބިހި އެޅުމަކީ އަހަރުމެންގެ ތެރޭގައި މަޖާ ކަމެއްގެ ގޮތުގައި ބެލެވިފައި އޮންނަ ކަމެކެވެ. މި ސަބަބަށްޓަކައި ގަސްދުގައި ބާރަށް ކިނބިހި އަޅާ މީހުން ވެސް އުޅެ އެވެ.

އެހެން ނަމަވެސް މިއީ ނުރައްކާތެރި ކަމެއްކަން އެނގިގެން ގޮސްފައި މިވަނީ އިނގިރޭސި ފުޓްބޯޅަ ލީގުގައި ވާދަކުރާ ބޮލްޓޮން ވެންޑަރާސް ޓީމުގެ ކުޅުންތެރިއަކަށް ދިމާވި ހާދިސާއަކުންނެވެ.

އެ ޓީމުގެ ފޯވާޑް ސްޓަރައިކަަރަކަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ ވިކްޓޯ އަޑެބޮޔެޖޯ އެޅި ކިނބިއްސެއްގެ "ވަރުގަދަ ކަމުން" އޭނާގެ ބުރަކަށްޓަށް އަނިޔާވެ ކުޅުމާ ދުރަށްދާން ވަނީ ޖެހިފަ އެވެ.

ބޮލްޓަންގެ މެނޭޖަރު އިއާން އިވަޓް ބުނީ މިދިޔަ އަންގާރަ ދުވަހު އެ ޓީމު ކުޅެން އޮތް މެޗުގެ ކުރިންވިކްޓޯ އެޅި ކިނބިއްސަކާއެކު އޭނާގެ މައިބަދައަށް އަސަރު ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ އެ ލީގުގައި ބޮލްޓޮންއާއި ޗާލްޓަން ބައްދަލުކުރި މެޗު ހިނގަމުން ދަނިކޮށް ކަމަށާއި އެެހެން ނަމަވެސް މައްސަލައެއް އުޅޭކަން ފާހަގަވީ އޭގެ މާ ފަހުން ކަމަށް އިއާން ބުންޏެވެ.

"ވިކްޓޯއަކީ ވަރުގަދަ ކުއްޖެއް. އޭނާގެ ކިނބިހިތައް ވެސް ވަރަށް ވަރުގަދަ ވާނެ" އިއާން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.

ވިކްޓޯއާ ނުލާ ވެސް އަންގާރަ ދުވަހު ބެރޯއާ ދެކޮޅަށް ކުޅުނު މެޗުން ލީގުގެ 18 ވަނައިގައި އޮތް ބޮލްޓަން ވަނީ 2-3ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ.