ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީގެ މަގާމުން އިސްތިއުފާދެއްވި ހިންނާ ހާލިދު، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފި އެވެ.

އޭނާ ސެޕްޓެމްބަރު 9 ވަނަ ދުވަހު އިސްތިއުފާ ދެއްވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވުމަށް ފަހު އެވެ.

ހިނގުމުގެ ދާއިރާއިން އެކި އިދާރާތަކުގައި މަސައްކަތް ކުރައްވާފައިވާ ހިންނާ ކުރިން ވެސް ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމުން ފުރުއްވި އެވެ. މީގެ އިތުރުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމާއި މާލެ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް ވަނީ ފުރުއްވައިފަ އެވެ.

ހިންނާ ފޮރިން މިނިސްޓަރުގެ ނައިބުކަމަށް އައްޔަންކުރައްވާފައި މިވަނީ، ރައީސް މުއިއްޒު ސަރުކާރުގެ ހަރަދު ކުޑަކުރެއްވުމަށް ކުންފުނިތަކުގެ މުވައްޒަފުން މަދުކުރެއްވުމަށް ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ވަގުތެއްގަ އެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ސިޔާސީ މަގާމުތަކުން މީހުން މަދު ކުރުމުގެ ބަދަލުގައި ފެނިގެންދަނީ ސަރުކާރަށް 10 މަސްވެގެން ދާއިރުވެސް، ސިޔާސީ މަގާމު ބެހުން މަޑުޖައްސާނުލާ ކުރިއަށް ގެންދާ މަންޒަރެވެ.