މަދަނީ މައްސަލައެއްގައި އެޓާނީ ޖެނެރަލްގެ އޮފީހުން ކޯޓުގައި ޖަވާބުދާރީވުން ލަސްވުމުން, ކުންފުންޏަކަށް އަށް ލައްކަ ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކޮންޓެކް ކުންފުނި ގްރީން އޮފީސް ބިލްޑިންގެ މަސައްކަތް ކުރުމުން އެ މަސައްކަތަށް ފައިސާ ނުދިން މައްސަލާގައި އެ ކުންފުނިން ހައުސިން މިނިސްޓްރީއާ ދެކޮޅަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރި މައްސަލާގައި އޭޖީ އޮފީހުގެ ފަރާތުން ޖަވާބު ހުށަހަޅާފައެއް ނުވެ އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލާގައި ދައުލަތުގެ ފަރާތުން ޖަވާބު ހުށަހަޅާފައިވަނީ ގާނޫނުގައި އޮންނަ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެ މުއްދަތުގައި ޖަވާބު ހުށަހަޅާފައިނުވާ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމުމުގެ ފުރުސަތު މަދަނީ އިޖްރައާތުގެ ގާނޫނުގައި އޮންނަ ކަމަށާއި އެހެންކަމުން އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދުން ފެށިގެން ތިން މަސް ތެރޭގައި ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.

މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ލިޔެކިޔުންތައް ހަވާލުކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބު ހުށަނާޅައިފިނަމަ އެ ފަރާތެއްގެ ޣައިރު ހާޒިރުގައި ހުކުމް ކުރެވިދާނެ އެވެ.

މިގޮތަށް ހުކުމްކުރި ނަމަވެސް އެ ރިވިއުކުރަން ހަ މަސް ތެރޭގައި ކޯޓުގައި އެދުމުގެ ފުރުސަތު އޮވެ އެވެ.