ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާ އަތުން 2-0 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

މެޗުގެ 30 ވަނަ މިނިޓުގައި ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން، ބާސާ އަށް ލީޑު ހޯދައިދިނީ ޖޯޑީ އަލްބާ އެވެ. އަދި މެޗުގެ 83 ވަނަ މިނިޓުގައި ބާސާގެ ދެވަނަ ލަނޑު ޖެހީ އުމުރުން 18 އަހަރުގެ ފޯވަޑް އިލައިކް މޮރީބާ އެވެ. މިއީ ބާސާ އަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު ބާސާ ތާވަލްގެ ދެވަނައިގައި އޮތީ 56 ޕޮއިންޓާއެކު އެވެ. ތާވަލްގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ 58 ޕޮއިންޓާއެކު އެެވެ. ލީގުގައި މިރޭ އެތުލެޓިކޯ އާއި ތާވަލްގެ ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑް ކުރިމަތިލާނެ އެވެ.

މާލީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ބާސާގެ އިންތިހާބު މިއަދު އޮންނާނެ އެެވެ. ބާސާގެ އިންތިހާބުގައި އެ ކްލަބުގެ ރައީސްކަމަށް ވާދަކުރަނީ ހުއާން ލަޕޯޓާ، ވިކްޓާ ފޮންޓް އަދި ޓޯނީ ފްރެއިޒާ އެވެ. – ބީބީސީ