ސްޕެއިންގެ ފޯވަޑް އަލްވާރޮ މޮރާޓާގެ ދެ ލަނޑާއެކު އިޓާލިއަން ސީރިއާގައި ރޭ ލާޒިއޯ އަތުން ފަހަތުން އަރައި 3-1 އިން ޔުވެންޓާސް މޮޅުވެއްޖެ އެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގެ 14 ވަނަ މިނިޓުގައި ލާޒިއޯ އަށް ލީޑު ހޯދައިދިނީ ޔަކިން ކޮރޭއާ އެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޑްރިއަން ރަބިއޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ 57 ވަނަ މިނިޓުގައި ޔުވެންޓަސް އިން ލީޑު ނެގީ މޮރާޓާ ޖެހި ލަނޑުންނެވެ. އަދި ޕެނަލްޓީއަކުން ޔުވެންޓަސްގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބުކުރީ މޮރާޓާ އެވެ.

މި ނަތީޖާއާއެކު، ޔުވެންޓަސް އޮތީ 52 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގަ އެވެ. ދެވަނައުގައި 53 ޕޮއިންޓާއެކު އޭސީ މިލާން އޮތްއިރު، ތާވަލްގެ އެއްވަނައިގައި 59 ޕޮއިންޓާއެކު އޮތީ އިންޓަ މިލާނެވެ. – ބީބީސީ