ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި އަންހެނަކަށް އަނިޔާކުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހ. ލާމިޔާ، އަހްމަދު އުވައިސް،20، އާއި މއ. ތްރީމޫންސް، މުހައްމަދު މުމީތު، 39 ކަމަށެވެ.

ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓަކުން ސަލާމަތްކުރުމަށް އެދި އަންހެނަކު ގޮވައި ރޯއަޑު އިވޭތީ ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ. އަދި ފުލުހުން ގޮސް އެ އެޕާޓްމަންޓްގެ ދޮރު ހުޅުވަން ބުނުމުން ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރު ލައްޕައި ތަޅުލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދޮރުލައްޕައި ތަޅުލިފަހުން އަނެއްކާވެސް އެ އަންހެން މީހާ ސަލާމަތަށް އެދި ހަޅޭލައްވާތީ ދޮރު ހުޅުވުމަށް ފުލުހުން ތަކުރާރުކޮށް އެދުމުން ވެސް ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައި ފުލުހުން ވަނީ އެ އެޕާޓްމަންޓަށް ވަދެފަ އެވެ.

ފުލުހުން ބުނީ އެ އެޕާޓްމަންޓަށް ވަދެ އެ އަންހެން މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.