ބޮލީވުޑްގެ ވެޓެރަން އެކްޓަރު ޖާޔާ ބައްޗަންއަކީ މީޑިއާއާ އެހާ ރައްޓެހި ތަރިއެއް ނޫނެވެ. އެކި ފަހަރުމަތިން ޖާޔާ ނޫސްވެރިން ދެކެ ރުޅި އައިސް އެއްޗެހި ބުނާ މަންޒަރު ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ދައުރުވެ އެވެ.

ޖާޔާ އަބަދުވެސް ނޫސްވެރިން ދެކެ ރުޅި އައިސްފައި ހުންނަ ސަބަބާ ބެހޭ ގޮތުން ނޫސްވެރިއެއް ކަމަށްވާ މާނަވް މަންގްލާނީ ވަނީ ވާހަކަ ދައްކާފަ އެވެ.

މާނަވް ބުނީ ޖާޔާ ފިލްމު ކުޅެ އުޅުނު ދުވަސްވަރު ހަރަކާތްތެރިވި ނޫސްވެރިން ވަރަށް މަދުކަމަށާއި އެހެންކަމުން އެހާ ގިނަ ނޫސްވެރިންނަށް އޭނާ އާދަވެފައި ނުވާ ކަމަށެވެ.

"ނޫސްވެރިންގެ ބައްދަލުވުންތަކާއި ފިލްމު ޕްރިމިއާތަކުގައި ނޫސްވެރިން ހަރަކާތްތެރި ވުމަކުން ޖާޔާ ރުޅިއެއް ނާދޭ. އެކަމަކު އަމިއްލަ މިނިވަން ކަމަށް ހުރަސް އެޅުމުން އޭނާ ހިތްހަމަ ނުޖެހެނީ،" މާނަވް ބުންޏެވެ.

ދާ ކޮންމެ ތަނަކަށް ފަހަތުން މީޑިއާ އައުމަކީ ޖާޔާއަށް ކަމުދާ ކަމެއް ނޫން ކަމަށާއި އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތެރެއަށް މީޑިއާ ވަންނަން ޖާޔާ ބޭނުންނުވާ ކަމަށް ވެސް މާނަވް ބުންޏެވެ.

ހަގީގަތުގައި ޖާޔާއަކީ ވަރަށް މަޖާ ހިތްހެޔޮ މިޒާޖެއްގެ މީހެއްކަން ފާހަގަ ކުރަމުން މާނަވް ބުނީ ޖާޔާ އަމިއްލައަށް ވެސް ފޮޓޯ ނަގަންވީ ގޮތް އޭނާއަށް ބުނެދޭ ކަމަށެވެ.

ޖާޔާ ބައްޗަންއަކީ ވެޓެރަން އެކްޓަރު އަމީތާބް ބައްޗަންގެ އަންހެނުންނެވެ. އާއްމުކޮށް އެ އާއިލާގެ މެމްބަރުން ދާ ކޮންމެ ތާކުން މީޑިއާ އޮފިޝަލުން ފެނެ އެވެ.