ހޮލީވުޑްގެ ތަރި ނިކޯލް ކިޑްމަންގެ މަންމަގެ މަރަށްފަހު ރައްޓެހިންނާއި އާއްމުންގެ ފަރާތުން އޭނާއަށް ލިބުނު ހެޔޮ އެދުންތަކާއި އެހީތެރި ކަމަށް ޝުކުރު އަދާކޮށްފި އެވެ.

ނިކޯލްގެ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ މި ހަފްތާއަކީ އޭނާއާއި އޭނާގެ ކޮއްކޮގެ އިތުރުން މުޅި އާއިލާއަށް ވެސް އުނދަގޫ ހަފްތާއެއް ކަމަށެވެ.

އެގޮތުން މި ދުވަސްވަރު އޭނާއަށް ސަޕޯޓުކުރާ އާއްމުންގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއި އެއްބާރުލުން ފާހަގަކޮށް ނިކޯލް ވަނީ އޭނާގެ މުޅި އާއިލާގެ ނަމުގައި ޝުކުރު އަދާކޮށްފަ އެވެ.

"ލިބުނު ކޮންމެ މެސެޖަކީ ވެސް އަހަންނާއި އަހަރެންގެ އާއިލާއަށް ވަރަށް ހާއްސަ މެސެޖެއް. ތިޔަ ދޭ ލޯތްބަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން،" ނިކޯލް ބުންޏެވެ.

ނިކޯލްގެ މަންމަ މަރުވި ހަބަރު މީޑިއާއަށް އެނގުނީ ފާއިތުވި ހަފްތާގައި އޮތް ވެނިސް ފިލްމު ފެސްޓިވަލްގައި އޭނާއަށް އެވޯޑެއް ލިބުމުންނެވެ.

ނިކޯލްގެ ބަދަލުގައި އެވޯޑާ ހަވާލު ވަމުން ޑައިރެކްޓަރު ހެލީނާ ރެޖިން ވަނީ ނިކޯލްގެ ފަރާތުން މެސެޖެއް އިއްވައިދީ އޭނާއަށް އެވޯޑު ބަލައިގަންނަށް ނާދެވުނީ ކީއްވެގެންކަން ވެސް ބުނެދީފަ އެވެ.