ހޮލީވުޑްގެ މަޝްހޫރު ތަރި ޖޭމްސް އާލް ޖޯންސް އަޑު އަޅައިދީފައިވާ "ޑާތު ވޭޑާ" ސްޓާ ވޯސްގެ ފިލްމުތަކުގައި ވަރަށް މުހިއްމު ކެރެކްޓަރެކެވެ.

އެ ކެރެކްޓަރަށް ޖޭމްސް އަޑު އަޅައިދީފައިވާ ގޮތަށް ގިނަ ބައެއްގެ ތައުރީފު ލިބުނުއިރު އޭނާ ވަނީ އެ "ސްޓައިލް"ގެ ކޮޕީ ރައިޓްސް ވެސް ހޯދާފަ އެވެ.

އެހެން ކަމުން ޖޭމްސްގެ މަރާއެކު އެ ފްރެންޗައިޒްގެ ފިލްމުތަކުގެ ކުރިމަގު އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ސަބަބަކީ ކޮޕީ ރައިޓްސްގެ ދަށުން ޖޭމްސް އަޑު އަޅައިދީފައިވާ ގޮތަށް އެހެން ތަރިއަކަށް އަޑު އަޅައި ނުދެވޭނެތީ އެވެ.

ވުމާއެކު ސްޓާ ވޯސްގެ ކުރިއަށް ހުރި ފިލްމުތަކުގައި ޑާތު ވޭޑާގެ ކެރެކްޓަރަށް އަޑު އެޅުމުގައި ކަން ކުރާނެ ގޮތާމެދު ހޮލީވުޑްގެ މާހިރުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މިފަދަ ހާލަތްތަކުގައި ކަން ކުރާ ގޮތް ބަދަލު ވަމުން އަންނަކަން އެފަރާތްތަކުން ފާހަގަ ކުރާއިރު އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ޖޭމްސްގެ އަޑު ބޭނުން ކުރުމުގެ ހައްގު ޖޭމްސް ވަނީ ސްޓާ ވޯސްއަށް ދީފަ އެވެ.

ޖޭމްސްއަކީ ސްޓާ ވޯސްގެ އިތުރުން "ލަޔަން ކިންގް"ގެ މުފާސާއަށް ވެސް އަޑު އަޅައިދިން ތަރި އެކެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ލަޔަން ކިންގް ލައިވް އެކްޝަންގައި ޖޭމްސްގެ އަޑު އިވުމަކީ ނާދިރު ކަމެކެވެ.

އުމުރުން 93 އަހަރުގައި ޖޭމްސް މިދިޔަ ހޯމަ ދުވަހު މަރުވެފައި ވާއިރު އޭނާ މަރުވި ސަބަބެއް އާއިލާއިން މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ.